އިންޑިއާގެ މަޝްހޫރު ކޮމެޑިއަން ބާރްތީ ސިންހް އާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗީޔާގެ ޔޫޓިއުބް ޝޯ ކަމަށްވާ "އިންޑިއަން ގޭމް ޝޯ" ފަށައިފި އެވެ.

އެ ދެމީހުން އަލަށް ފަށައިގެން އުޅޭ ޔޫޓީއުބް ޗެނަލް ކަމަށްވާ "ބާރްތީ ޓީވީ" އިން ގެނެސްދޭ "އިންޑިއަން ގޭމް ޝޯ" ފަށާފައިވާއިރު މިޝޯއަކީ ވަރަށް ފޯރިގަދަ ޝޯއަކަށް ވާނެ ކަމަށް ބެލެވެ އެވެ. މިޝޯއަކީ މަޖާވާނެ ގޭމްތަކެއް ހިމެނޭ ގޮތަށް ކުރިއަށްދާ ޝޯއެކެވެ.

ފުރަތަމަ އެޕިސޯޑުގައި ދެ ޓީމެއްގެ މެދުގައި ޝޯ ކުރިއަށް ގެންގޮސްފައިވާއިރު މޮޅުވާ ބަޔަކަށް 1000 ޑޮލަރުގެ އިނާމެއްވެސް ވަނީ ކަނޑައަޅާފަ އެވެ.

ފުރަތަމަ އެޕިސޯޑުގައި ވާދަކުރީ އޮރެންޖު ޓީމާއި ދަނބު ޓީމެވެ.

https://www.youtube.com/watch?v=0h0oCE5ucoo

ބާރްތީ އާއި ހަރްޝްގެ އިތުރުން ލަވަކިޔުންތެރިޔާ އަދި ހޯސްޓް އަދިތުޔާ ނާރަޔަން ހުށަހަޅައިދޭ މި ޝޯވގައި ބައިވެރިވާ ސެލެބްރިޓީންގެ ތެރޭގައި ޖޭސްމީން ބަސީން އާއި ފައިސޫ އާއި ޝިވިން ނަރަންގް އާއި އަލީ ގޯނީ އާއި ޕުނީތު ޖޭ ޕާޓަކް އާއި ރާގަވް ޖުޔަލް ފަދަ އެތައް ސެލެބްރިޓީންނެއް ހިމެނެ އެވެ.

މީގެ އިތުރުން މުނިފޫހިފިލުވައިދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ބައެއް އެހެން ފަންނާނުވެސް މިޝޯގައި ކުރިއަށް އޮތްތަނުގައި ބައިވެރިވާނެ އެވެ.

https://www.youtube.com/watch?v=NRyeBElO5xA

"އިންޑިއަން ގޭމް ޝޯ" މިހާރު އެމީހުންގެ ޔޫޓިއުބް ޗެނަލް ދައްކަން ފަށާފައިވާއިރު ގިނަ ބަޔަކު އަންނަނީ އެޝޯއަށް ތައުރީފް ކުރަމުންނެވެ. ފުރަތަމަ އެޕިސޯޑު ބެލި މީހުންވެސް އެއް ލައްކައަށް އަރަ އެވެ.