މިދިޔަ އާދީއްތަ ދުވަހުގެރޭ ލ. ވަޑިނޮޅި ކައިރީ އެންދެމުގެ މަސައްކަތަކުގައި ތިއްބާ ތޫނު އެއްޗެއްސާއި އެކު "ފަސްކުރި" ދޯންޏަށް އަރައި އެ ދޯނި ހައިޖެކް ކުރި މީހުން ތޫނު ހިތާޔާރު ބޭނުންކޮށްގެން ފުރާނައަށް ނުރައްވާ ޒާތުގެ އިންޒާތައް ދިން ކަމަށް އެ ދޯނީގެ 22 ފަޅުވެރިން ބުނެފި އެވެ.

ދޯނި ހައިޖެކްކުރި ހާދިސާގެ ހަގީގަތް ހާމަކުރުމުގެ ގޮތުން 22 ފަޅުވެރިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އެ ދޯންޏަށް ތޫނު ހަތިޔާރާއެކު ބަޔަކު އެރީ އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު ލ. ވަޑިނޮޅި ކައިރީ އެންދެމުގެ މަސައްކަތަކުގައި ތިއްބާ ކަމަށެވެ.

ލ. ވަޑިނޮޅި ކައިރީގައި އެންދެމުގެ މަސައްކަތްގައި ތިއްބާ ދޯންޏަށް ދަނގަޑާއި، ވަޅި، ކަނޑި ފަދަ ތޫނު އެއްޗެއްސާއި އެކު އަރައި ދޯނީގައި ތިބި ފަޅުވެރިންނަށް ބިރު ދައްކައި، ކެޕްޓަނަށް ވަޅިން ބިރު ދައްކައި ދޯނި ލ. ގަމަށް ގެންދިއުމަށް ހިންގި ލާއިންސާނީ ޖަރީމާ ހިންގުމުގައި އިސްކޮށް ހުރީ ލ.ގަން/ތުނޑި، އިހްރާމްގޭ އިދުރީސް ހުސައިން ކަމަށް އެ ބަޔާނުގައިވެ އެވެ.

އިދުރީސް އާއެކު ދޯންޏަށް ތޫނު ހަތިޔާރާ އެކު 27 މީހުން އެރި އިރު އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި އަދި ދޯންޏަށް އަރައި ދޯނީގެ ކެޕްޓަން ވީލް ހައުސްގައި ނިދާފައި އޮތްވައި ހޭލައްވައި، ދޯނި ސްޓާޓު ކޮށް ދުއްވުމަށް ވަޅި ހިފައިގެން ތިބި ތިން މީހަކު އަމުރު ކުރި ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދި ދޯނީގެ އިންޖީނު ސްޓާޓު ކުރުމަށް ދިޔަ ފަޅުވެރިއާއަށް ބިރު ދައްކައި، އަވަހަށް ސްޓާޓު ކުރުމަށް އަންގައި، "އަވަސް ކުރޭ، ނޫނީ ވަޅި ތަޅާލާނަމޭ" ބުނެ ބިރު ދައްކަމުންދިޔަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ދޯނީގެ ނަގިލި ނެގުން ލަސްވުމުން ނަގިލި ނަގަން ދިޔަ ފަޅުވެރިޔާގެ މޫނަށް ވަޅި ދިއްކޮށް އަވަސް ކުރުމަށް އަންގައި ބިރު ދައްކާފައިވާ ކަމަށްވެސް ވެސް ފަޅުވެރިން ބުންޏެވެ.

މީގެއިތުރުން ދޯނީގައި ތިބި ފަޅުވެރިންނަށް އެކި ގޮތްގޮތުން ބިރު ދައްކައި ދޯނީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް އެތަނުން މީހަކު ވަނީ ހޫނު ފެން އަޅާފައި ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ދޯނި ރަހީނުކޮށް، ލ. ގަމު ފަޅަށް ވައްދާފައިވަނީ އެރޭ ދަންވަރު 3:00 ހާއިރު ކަމަށާއި ދޯނި ބަނދަރަށް ވަނުމުގެ ކުރިން ރަހީނު ކުރަން ދޯންޏަށް އެރި މީހުން ގެންދިޔަ ބައެއް ސާމާން ކަނޑަށް އުކާލާފައިވާ ކަމަށެވެ.

ފަޅުވެރިން ބުނީ ދޯނި ލ. ގަމު ބަނދަރަށް ކައިރި ކުރިއިރު ފުލުހުންގެ ބަޔަކު ބަނދަރުގައި ތިބި ކަމަށާއި ދޯނި ބަނދަރު ކުރުމުން ދޯންޏަށް އެރި 27 މީހުން ފުލުހުންގެ ކުރިމަތިން ފައިބައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި އިދުރީސް ހުސެއިންވެސް ހިމެނޭއިރު، އެއިން އެއްވެސް މީހަކު ހައްޔަރުކުރުމަށް ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ފުލުހުން ކުރި ކަމަކީ އެމީހުންގެ ނަން ނޯޓު ކޮށްލުމެވެ.

"މިހާދިސާގެ ތަހްގީގަށް ހެނދުނު 9 ޖެހި އިރު ބަޔާން ނެގުމަށް ދޯނީގެ ކެޕްޓަނާއި އެކު 2 މީހަކު ލ. ގަމު ޕޮލިސް ސްޓޭޝަނަށް ގެންދިޔައެވެ. އަދި އެ 3 މީހުންގެ ބަޔާން ނެގުމަށް ފަހު އިތުރު ދެ ފަޅުވެރިއަކު ބަޔާން ނެގުމަށް ލ. ގަމު ޕޮލިސް ސްޓޭޝަނަށް ގެންދިޔައެވެ. ޖުމްލަ 5 ފަޅުވެރިއެއްގެ ބަޔާން ލ. ގަމު ޕޮލިސް ސްޓޭޝަނުން ނެގިއެވެ. ފަހުން ގެންދިޔަ ދެމީހުންގެ ބަޔާން ނެގުމަށް ފަހު ދޯނި ފުރައިގެން ދިއުމަށް ލ. ގަމު ޕޮލިސް ސްޓޭޝަނުން ކެޕްޓަނަށް ފޯނުން އެންގިއެވެ. ނަމަވެސް ދޯނި އާއި އެކު ފުރައިގެން ދެވޭނެ މާހައުލެއް ނެތްކަމަށް ކެޕްޓަން ފުލުހުން ގާތު ވަނީ ބުނެފައެވެ،" ފަޅުވެރިން ނެރުނު ބަޔާނުގައިވެ އެވެ.

ދޯނި ލ. ގަމު ބަނދަރަށް ކައިރި ކުރި ހިނދުން ފެށިގެން ދޯނި ކައިރީ އިދުރިސް ހުސެއިންގެ މީހުން ދިޔައީ ހަރަކާތްތެރިވަމުން ކަމަށާއި އަދި ދޯނި ދޫކޮށް ފޭބުމަށް އޭރުވެސް އެމީހުން އަންގަމުންދިޔަ ކަމަށް ވެސް ފަޅުވެރިން ނެރުނު ބަޔާނުގައިވެ އެވެ.

"ހަވީރު 5 ގެ ކުރިން ދޯނިން ނުފާބައިނަމަ "ކޮށާލާނެ" ކަމަށް ބުނެ ދިޔައީ އިންޒާރު ދެމުންނެވެ. އެ މީހުން އެފަދަ އިންޒާރު ދެމުން ދިޔައިރުވެސް ފުލުހުން އެތަނުގައި ތިބި ކަން ފާހަގަ ކުރަމެވެ. ދޯނީގެ ފަޅުވެރިންނަށް ރައްކާތެރި މާހައުލެއް ނެތުމުން އެހީއަށް ފުލުހުން ގާތު އެދުނެވެ. އެގޮތުން ފުރައިގެން ރަށައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަޅުވެރިން ފައިސާ ދޭ ގޮތަށް އުނޅަދެއް ހޯދައި ދިނުމަށް ފުލުހުން ގާތު އެދުނެވެ. ނަމަވެސް އެކަމެއް ފުލުހުން ކޮށްދީފައި ނުވެ އެވެ." އެ ބަޔާނުގައި ވެ އެވެ.

ފަޅުވެރިން ބުނީ ގޮތް ހުސްވެފައި އެއްވެސް ފަރާތަކުން އެހީއެއް ނުލިބި ހާލުގައި ތިއްބާ ލ. ގަމު "ފަހިމަގު" ދޯނީގެ ކެޕްޓަނާއި ދިމާވި ކަމަށާއި ދޯނިން އެމީހުން ލ. ހިތަދުއަށް ގެންގޮސް ދިނުމަށް ފަޅުވެރިން އެދުމުން "ފަހިމަގު" ދޯނީގެ ވެރިޔާ ވަނީ ދޯނީގެ ފަޅުވެރިން އެއްވެސް އުޖޫރައެއް ނުނަގައި ލ. ހިތަދުއަށް ގެންގޮސްދީފައި ކަމަށެވެ.

"ދޯނި ރަހީނު ކުރި ޓެރަރިސްޓު ހަމަލާއަށް ފަހު އިދުރީސު ހުސެއިން ދޯނީގެ ފަޅުވެރިންނަށް ބިރު ނުދައްކާ ކަމަށާއި، ސުލްހަވެރިކަމާ އެކު ދޯނި ހޯދީކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ބުހުތާނު ދޮގެވެ. އަދި ދޯނީގައި ތިބި ފަޅުވެރިންނަށް އެހީތެރިވެ، ރަށައް ފުރުވާ ދިނުމުގައި އެހީތެރިކަން ދިން ކަމަށް ބުނެ ހަދާފައިވަނީ ކަނޑައެޅިގެން ދޮގެކެވެ." ފަޅުވެރިންގެ ބަޔާނުގައިވެ އެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން ނުދާ ކަމަށް ބުނެ ފަޅުވެރިންނާއި އެމީހުންގެ އާއިލާ އިން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.