ސްރީލަންކަން އެއާލައިންސްގެ ސީދާ ދަތުރުތައް ސ. ގަމަށް އަލުން ފަށައިފި އެވެ.
ދަތުރުތައް އަލުން ފަށާފައި މިވަނީ ކޮވިޑް-19އާ ހެދި މިދިޔަ އަހަރުގެ ކުރީކޮޅު ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު އެވެ. ކޮލޮމްބޯ އާއި ގަމާ ދޭތެރޭ އަލުން ދަތުރު ފެށި އިރު، ފުރަތަމަ ދަރުތު އޮތީ މިއަދު މެންދުރު ފަހު އެވެ. އެ ބޯޓުން އައްޑު އަށް 35 ޓޫރިސްޓަކު އަ އެވެ.
އެ އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް ގަމަށް އަލުން ފެށުން ފާހަގަކުރުމުގެ ގޮތުން މިއަދު ޖެއްސި ބޯޓުން ދަތުރުކުރި ގިނަ އަދަދެއްގެ ޓޫރިސްޓުންނަށާއި ދިވެހިންނަށް، އައްޑޫ ސިޓީ ކައުންސިލާއި ސްރީލަންކަން އެއާލައިންސްގެ އިސްވެރިންނާއި އަދި އޭސް އޭވިއޭޝަނުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފަ އެވެ.
ސްރީލަންކަންއިން އައްޑޫއަށް ސީދާ ދަތުރުތައް މިއަދު ފަށާނެ ކަމަށް މިދިޔަ މަހު އިއުލާންކޮށްފައިވެ އެވެ. އަދި މިފަހަރު ކޮލަންބޯ- ގަމުގެ ދަތުރުތަކުގެ ކަނެކްޝަން ފްލައިޓުތައް، މާލެއާއި ހުވަދޫއަށް ހަމަޖައްސައިދޭނެ ކަމަށް މޯލްޑިވިއަންއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ސްރީލަންކަން އެއާލައިންސް އިން ކުރިން ވެސް ގަމަށް ޝެޑިއުލް ދަތުރުތައް ކޮށްފައިވެ އެވެ. އޭރު ހަފްތާއަކު ތިން ދަތުރު ކުރި ނަމަވެސް މިފަހަރުގެ ޝެޑިއުލް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ދަތުރުކުރާ ގޮތަށެވެ.
ސްރީ ލަންކަން އެއާލައިންސް ދަތުރުތައް ރާއްޖޭގެ އެންމެ ދެކުނަށް ފަށާފައި މިވަނީ ކޮވިޑާ ހެދި މިދިޔަ އަހަރުން ފެށިގެން ބަންދުކޮށްފައި އޮތް ދެ ރިސޯޓްގެ ތެރެއިން ކެނަރީފް ރިސޯޓް (ހެރަތެރަ) ވެސް މި މަހު އަލުން ހުޅުވަން ހަމަޖައްސާފައި ވަނިކޮށެވެ. މި ވަގުތު އެ އަތޮޅުގައި ހިންގަނީ ހަމައެކަނި ރިސޯޓަކީ ސައުތު ޕާމެވެ. އެކަމަކު އައްޑޫގެ ގަމުގެ އީކްއޭޓަ ވިލެޖާއި އައްޑޫގެ އިތުރުން އެކި އަވަށްތަކުގައި ގެސްޓް ހައުސްތައް ހިންގަމުން ދެ އެވެ.
ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށީ ޑިސެމްބަރު، 1، 2016 ގަ އެވެ. އޭރު ހަފްތާއަކު ތިން ދަތުރުކުރަނިކޮށް ދަތުރު ހުއްޓާލީ ކޮވިޑާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދިޔަ ފިޔަވަޅުތަކާ ގުޅިގެންނެވެ.