ކޮވިޑްގެ އާ ވެރިއަންޓް ކަމަށްވާ އޮމިކްރޮން ރާއްޖެއިން ވެސް ފެނިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ބަލީގެ އާ ވޭރިއެންޓު ފެނުނީ ކޮވިޑަށް ޕޮޒިޓިވް ޓޫރިސްޓެއްގެ ޖިނޮމިކް ސީކުއެންސިން ޓެސްޓު ހެދުމުން ކަމަށެވެ.

ނަމަވެސް އޭނާ އަކީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް، އަދި އޭނާ ކޮވިޑަށް ޕޮޒިޓިވްވީ ކޮންއިރަކު ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެ އެވެ.

ސައުތު އެފްރިކާއާއި އެސަރަހައްދުގެ ބައެއް ގައުމުތަކުން ކޯވިޑްގެ އާ ވޭރިއެންޓް "އޮމިކްރޯން" ފެނުމާއި ގުޅިގެން ގިނަ ޤައުމުތަކަކުން އަންނަނީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ޓެސްޓު ހެދުން އިތުރުކޮށްފައިވާއިރު މިވޭރިއެންޓް ފެނިފައިވާ ގައުމުތަކުން ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ.

ކޯވިޑްގެ އައު ވޭރިއަންޓް "އޮމިކްރޯން" އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެފްރިކާ ސަރަހައްދުގެ ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުން ވަނީ މަނާކޮށްފަ އެވެ.

ކޮވިޑްގެ އާ ވެރިއަންޓް ރާއްޖެއިން ފެނިފައިވާއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ވޭދުވެދިޔަ 24 ގަޑިއިރު ތެރޭގައި 116 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ކޮވިޑް ބަލީގައި ހޮސްޕިޓަލުގައި 19 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން 254 މީހަކު ވަނީ މަރުވެފަ އެވެ.