މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބޮޑު ކަންނެލި މަސްވެރިން ބޭއްވި މުޒާހަރާގައި މަސްވެރިންގެ ޝަކުވާގެ އަޑުއައްސަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން މުޒާހަރާއަށް ވަޑައިގެންފި އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން އިންތިޒާމްކޮށްގެން މި މުޒާހަރާ މިއަދު ކުރިޔަށް ގެންދިޔައީ ގުޅިފަޅުގަ އެވެ.

މަސްވެރިންގެ ދުވަހާއި ދިމާކޮށް ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ގިނަ ދޯނިތަކެއް މިއަދު ވަނީ ގުޅީފަޅު ސަރަހައްދަށް އެއްވެ އެމީހުންގެ ހުރި ކަންބޮޑުވުންތަކުގެ ޝުއޫރު ފާޅުކޮށްފަ އެވެ. މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ކ. ގާފަރަށް ވަޑައިގަތުމުގެ ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހު ވަނީ ކަންނެލި މަސްވަރިންގެ ބޭއްވި ހަރަކާތުގައި ބައިވެރިވަޑައިގެންފަ އެވެ.

ރައީސް ސޯލިހު އެ މުޒާހަރާއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދެއްކެވި އެވެ. އަދި މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރައްވައި އެތަނުން ޓީޝާޓެއް ވެސް ރައީސްއާ ހަވާލުކުރި އެވެ.

ބޮޑު ކަންނެލި އިންޑަސްޓްރީގެ ކަންބޮޑުވުންތައް މިދިޔަ އަހަރު ދުވަހު ބީކޭއެމްޔޫއިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށާއި، މިނިސްޓްރީއަށާއި، މަޖިލީހަށް އަދި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާފައި ވީނަމަވެސް އެކަންކަމަށް އެދެވޭ ހައްލެއް އައިސްފައި ނުވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އެހެންކަމުން ސަރުކާރަށް މިއަޑު އަނެއްކާ ވެސް އިއްވުމަށްޓަކައި އިހުތިޖާޖަށް ނުކުންނަނީ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މަސްވެރިންގެ ޔުނިއަނުން މިއަދު ކުރިޔަށް ގެންދާ މުޒާހަރާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މަސްވެރިންގެ ފަރާތުން ހުށަހެޅުއްވި ކަންކަމަށް ހައްލު ހޯއްދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އެގޮތުން މިފްކޯއަށް ބޮޑުކަންނެލި ކިރާ ގޮތަށް ހެދުމާއި މަސް ވިއްކޭނެ އިތުރު ގައުމުތަކަކަށް މާކެޓް ފުޅާކުރުމާއި ބާނާ މަސް ތާޒާކަންމަތީ ދަމަހައްޓައި ކޮލިޓީ ހިފެހެއްޓުމަށް އައިސް ލިބޭނެ އިތުރު 18 އައިސްޕްލާންޓް ގާއިމުކުރުމާއި މާލެ ސަރަހައްދުގައި ބަނދަރުކުރެވޭނެ އިންތިޒާމް އެޗްޑީސީއާ ގުޅިގެން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިންގެ ޔުނިއަނުން މިއަދު ކުރިޔަށް ގެންދާ މުޒާހަރާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން މަހަށް ހަމަ އަގު ހޯދާދިނުމަށް ޑިއުޓީއާއި ޓެކްސް ނުލާ މަސް ވިއްކޭނެ ގައުމުތަތައް އެބަހުރިކަން ފާހަގަކުރައްވާ އެ މާކެޓްތައް ހޯދާދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ދާދި އަވަހަށް އެކަމުގެ ތަފްސީލުތައް މަސްވެރިންނާއި ހިއްސާކުރައްވާނެކަން ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކޮވިޑްގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދަށް ދިމާވި ލޮޅުންތަކުން އަރައިގަތުމަށް މަސްވެރިން ކޮށްދެވި ބުރަ މަސައްކަތް ފާހަގަކުރައްވާ ހުރިހާ މަސްވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކޮވިޑްގެ ތެރޭގައި މަސްވެރިން މަހަށް ނުނިކުތްނަމަ ރާއްޖޭ މީގެކުރިން ނުދެކޭހާ ބޮޑު ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓި އެތައް ދަތިތަތަކާއި ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމާލައްވަމުން ވެސް އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ މަސްވެރިންގެ އަޑުއަހާ މަސްވެރިންނާ އެކުގައި ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައަޅަމުން ގެންދާނީ މަސްވެރިންގެ ހިޔާލާއި ލަފާ ހޯދާ މަސްވެރިންނަށް އެންމެ ފައިދާ ހުރި ގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

‎"މަސްވެރިކަމާ ބެހޭގޮތުން ކުރިއަށް އޮތް ސިޔާސަތުތައް އަޅުގަނޑުމެން ކަނޑައަޅަމުންގެންދާނީ ތިބޭފުޅުންގެ ވެސް އަޑުއަހައިގެން. ތިބޭފުޅުންނަށް ވެސް އެންމެ ފައިދާހުރި ގޮތަކަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ބީކޭއެމްޔޫގެ މެންބަރުގެ ގޮތުގައި 100 ކަންނެލި ދޯނި ހިމެނެ އެވެ. މިހާތަނަށް އޭގެތެރެއިން 75 ވަރަކަށް ދޯނި މި އިހްތިޖާޖުގައި ބައިވެރިވި ކަމަށްވެ އެވެ.