އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޓުވިޓާ އެކައުންޓް ހެކްކޮށްފި އެވެ.

މޯދީގެ ޕާސަަނަލް އެކައުންޓް ހެކްކޮށްފައިވާކަން އޭނާގެ އޮފީހުންވަނީ ކަށަވަރު ކޮށްދީފަ އެވެ.

މޯދީގެ އެކައުންޓް ހެކްކުރުމަށްފަހު އެކަން ކުރިމީހާވަނީ ޓުވީޓު ވެސް ކޮށްފަ އެވެ. ހެކް ކުރުމަށް ފަހު ކޮށްފައިވާ ޓުވީޓުގައި ބުނެފައި ވަނީ އިންޑިއާ ސަރުކާރުން ރަސްމީކޮށް 500 ބިޓްކޮއިން ގަނެ އެތަކެތި އާންމުންނަށް ބަހަމުންދާ ކަމަށެވެ.

ނަމަވެސް މޯދީ ގެ އޮފީހުން ބުނީ މޯދީގެ ޓުވިޓާ އެކައުންޓު ހެކްކުރެވުނީ ކުޑަ ވަގުތުކޮޅަކަށް ކަމަށާއި އިންޑިއާގެ ސައިބާ ސެކިއުރިޓީއާ ބެހޭ ފަރާތްތަކުން ކުޑައިރުކޮޅެއްގެ ތެރޭގައި މޯދީގެ އެކައުންޓް އަނބުރާ ހޯދާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް މޯދީގެ ޓުވިޓާ އެކައުންޓް ހެކްކުރިކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވެ އެވެ. އެއަށްފަހު މޯދީގެ ޓުވިޓާ އެކައުންޓްގެ ހިމާޔަތުގައި އިންޑިއާގެ ސައިބާ ސެކިއުރިޓީއާބެހޭ ފަރާތްތަކުންވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް އެފިޔަވަޅުތައް ފޫއަޅުވާލުމަށްފަހު މިފަހަރުވެސް މިވަނީ މޯދީގެ ޓުވިޓާ އެކައުންޓު އަލުން ހެކްކޮށްފައެވެ.

މޯދީގެ ޓުވިޓާ އެކައުންޓް 73 މިލިއަން މީހުން ފޮލޯ ކުރެ އެވެ.