ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރާ ނޭދޭ އަސަރުތަކާ ގުޅިގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތަކާއި އިންޓަރެސްޓް އަނބުރާ ދެއްކުން މި އަހަރުގެ ނިޔަލަށް ފަސްކޮށްދީފި އެވެ.

އެސްޑީއެފްސީ އިން ކުރިން ވަނީ ލޯނުތައް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް މިދިޔަ މާޗު މަހުގެ ތެރޭގައި ނިންމާފަ އެވެ. މިއަދު ނިންމާފައި ވަނީ، އެ މުއްދަތު އިތުުރުކުރުމަށް އެދޭ ފަރާތްތަކަށް މި އަހަރުގެ ނިޔަލަށް ދަންމާލުމަށެވެ.

އެސްޑީއެފްސީގެ މި ނިންމުމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ އެސްޑީއެފްސީ އަށް ޝުކުރު އަދާކުރައްވާފަ އެވެ.

"ބޮޑެތި ބޭންކްތަކުން ވެސް މިފަދަ ގޮތަކަށް ނިންމާނެ ކަމަށް އުންމީދުކުރަން،" ފައްޔާޒް ވިދާޅުވި އެވެ.

އެސްޑީއެފްސީ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިދިޔަ އަހަރުގެ މާޗު މަހުގެ 18 ވަނަ ދުވަހު ހުޅުވައި ހިދުމަތް ދެމުން އަންނަ ތަނެކެވެ.

އެސްޑީއެފްސީން ދޫކުރާ ލޯނުތަކުގެ ތެރޭގައި، ގެސްޓްހައުސް އެޅުމަށް ދޫކުރާ ލޯނާއި ދަނޑުވެރިކަމަށް ދޫކުރާ ލޯނުގެ އިތުރުން، ވިޔަފާރި ފެށުމަށާއި ވިޔަފާރި ފުޅާކުރުމަށް ދޫކުރާ ލޯނު ވެސް ހިމެނެ އެވެ. މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަވުމުގެ އިތުރުން، އިކުއިޓީ އަށް އަތުން ދޭން ޖެހޭ ވަރު ވެސް ކުޑަ އެވެ.

މީގެ އިތުރުން، ކޮވިޑް ރިލީފް ސްކީމްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުވެސް ދޫކުރަނީ އެސްޑީއެފްސީ މެދުވެރިކޮށެވެ.