ފުވައްމުލަކު ދޫޑިގަން އަވަށު ބަނދަރު ސަރަހައްދުގައި އަލަށް އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތެއްގެ ބިންގާ ނައިބު ރައީސް ފައިސަލް ނަސީމް އަޅުއްވައިދެއްވައިފި އެވެ.

މި މިސްކިތުގެ ބިންގާ އެޅުމުގެ ގޮތުން މިއަދު ހަވީރު ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ރަށުގެ ބަނދަރު ސަރަޙައްދުގައި މިސްކިތެއް ބިނާކުރުމަކީ ވަރަށް ގިނަ އަހަރުތަކެއް ކުރިން ފެށިގެން އެ ރަށުގެ ރައްޔިތުން ކުރަމުންއައި އިންތިޒާރެއް ކަމަށް ވިދާޅުވި އެވެ. އަދި މި މިސްކިތް ހުޅުވުމާއެކު އަޅުކަންކުރުމަށް މިސްކިތުގެ ފުރިހަމަ ބޭނުންކުރުމަށް ފައިސަލް އެދިވަޑައިގެންނެވި އެވެ.

ފުވައްމުލަކަށް އުފަން ނައިބު ރައީސްގެ ވާހަކަފުޅުގައި ދީނީ ކަންކަން ކުރިއެރުމާއި އަދި ގައުމުގެ ތަރައްގީގެ ކަންކަމުގައި ސަރުކާރުން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވި އެވެ.

ފުވައްމުލަކު ދޫނޑިގަމު އަވަށު ބަނދަރު ސަރަހައްދުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ފުވައްމުލަކުގެ ބަނދަރު ސަރަޙައްދުގައި މިއަދު ބިންގާ އެޅި މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކުރާ މިސްކިތެކެވެ. ޖުމްލަ 500 މީހުންގެ ޖާގައިގެ މި މިސްކިތް ޢިމާރާތް ކުރުމުގެ މަސައަކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ހަވާލުކޮށްފައި ވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ޒަމާނީ ޑިޒައިނަކަށް ޢިމާރާތްކުރާ މި މިސްކިތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ.

މި ރަސްމިއްޔާތުގައި ފައިސަލްގެ އިތުރުން ވަޒީރުންނާއި، ފުވައްމުލަކުގެ ސިޓީ ކައުންސިލުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ފުވައްމުލަކު ދޫނޑިގަމު އަވަށު ބަނދަރު ސަރަހައްދުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

މިސްކިތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ބަނދަރަށް ޒިޔާރަތްކުރައްވައި ބަނދަރު ބައްލަވާލައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ފުވައްމުލަކު އިހުގެ ނެރުތައް ބަންދުކުރުމުގެ މަސައްކަތް ވެސް ބައްލަވާލައްވާފަ އެވެ.