އިތުބާރު ކުރެވޭ މަގާމެއްގައިހުރެ ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި ދައުވާކޮށްފައިވާ މީހަކު ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުން 76 އަހަރުގެ ޖަލު ހުކުމަކުން ސަލާމަތްވެއްޖެ އެވެ.

76 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލު ހުކުމް ސަލާމަތްވެފައިވަނީ ވ. ގާތިފް، އުމުރުން 37 އަހަރުގެ ހަސަން އަތޫފް އެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2019 ވަނަ އަހަރުން ފެށިގެން އެކިދުވަސްމަތިން އިތުބާރު ކުރެވޭ މަގާމެއްގައިހުރެ ކުޑަކުދިންތަކަކާމެދު ޖިންސީ އަމަލު ހިންގި މައްސަލައިގަ އެވެ.

އޭނާގެ މައްޗަށް ކުރެވުނު ދައުވާތަކުގައި، ދައުލަތާމެދު ވެވުނު އިއުތިރާފްގެ އެއްބަސްވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ވަނީ 30 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިތުބާރު ކުރެވޭ މަގާމެއްގައިހުރެ އެކި ދުވަސްމަތިން ކުޑަކުދިންތަކަކާމެދު ޖިންސީ އަމަލު ހިންގި މައްސަލައިގައި ޙަސަން ޢަތޫފްގެ މައްޗަށް ފަސް ދައުވާއެއްކުރުމަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

އޭނާގެ މައްޗަށް އެންމެ ފުރަތަމަ އުފުލި ދައުވާތަކަކީ:

  • އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން.
  • އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގުން.
  • ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުން.
  • މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން.

ގްރޫމްކުރުން

ޕީޖީ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ދަޢުވާ ލިބޭ މީހާ، މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވެ އެވެ. މި ގޮތުން ދައުވާލިބޭ މީހާއާއެކު ޝަރީއަތުގައި ދައުލަތުން އެއްބަސްވެފައިވާނީ، މިމައްސަލާގައި ކޮށްފައިވާ ފަސް ދައުވާގެ ތެރެއިން ދޭއް ދައުވާއަކަށް އިއުތިރާފުވެ، ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ދަމަހައްޓައިފިނަމަ، މި ފަސް ދައުވާގެ ތެރެއިން ތިނެއް ދައުވާ އަނބުރާ ގެނައުމަށެވެ.

ދައުލަތާއެކު ހެދުނު އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމި ދައުވާތަކަކީ:

  • ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުން.
  • މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުން

ގްރޫމްކުރުން

ޕީޖީ އޮފީހުން ބުނީ މި އެއްބަސްވުމުގެ ކުރިން ފަސް ދައުވާއަށް އެކު ޖުމްލަ ޖުމްލަ 76 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމުގެ ފުރުސަތު އޮތް ނަމަވެސް، އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅުނު އަދަބު ވަނީ، ދެ ދައުވާއަށް އެކު ޖުމްލަ 30 އަހަރުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

މި މައްސަލާގައި ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަފްސީލު ބަޔާން ކުރަމުން ޕީޖީ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމާއެއްގޮތަށް މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އަދި ޝަރީއަތުގެ މަޖިލީހުގައި ދައުވާލިބޭ މީހާ ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ، އަދި ދައުލަތާ ދައުވާލިބޭ މީހާއެކު ވެވުނު އެއްބަސްވުމާ އެގޮތަށް، މިމަހުގެ ތޭރަ ވަނަ ދުވަހު ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީ ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ވ. ގާތިފް، ހަސަން އަތޫފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދެ ދައުވާ ސާބިތުވާ ކަމަށާއި ހަސަން އަތޫފް 30 އަހަރު ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދުކުރުމަށް ހުކުމްކުރައްވާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލަ ޢާންމު އުޞޫލުން ކުރިއަށްގެންގޮސްގެން ދަޢުވާތަށް ސާބިތުކޮށްދެވުންނަމަ 76 އަހަރުގެ ހުކުމެއް އައީސް ކަމުގަ އެވެ. ނަމަވެސް އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން އަދަބު ވަނީ 30 އަހަރަށް ކުޑަކުރެވިފައި ކަމަށާއި، މި ނިޒާމަކީ ހުޅުވާލެވިފައިވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި ވަރަށް ފުރިހަމައަށް ތަންފީޛްކުރަމުންދާ ނިޒާމެއްކަންވެސް ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވެ އެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނެފައިވާ ގޮތުގައި، އެ އޮފީހުގެ އަމާޒަކީ ޕްލީ ބާގެއިންގެ ތެރެއިން ވީހާވެސް ގިނަ މައްސަލަތައް ކުރިއަށްގެންގޮސް އަވަހަށް ނިންމުމެވެ. ސަބަބަކީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާއި، ކުށްތަކާގުޅިގެން އަނިޔާލިބޭ މީހުން އަދި މުޅި މުޖުތަމަޢުގެ މަސްލަހަތު ވެސް ބޮޑީ މިފަދަ ނިޒާމަކުން އަވަހަށް މައްސަލަތައް ނިންމުމުގައި ކަމަށްވެސް އެއޮފީހުގެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.