ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލްގަ އާއި ހުޅުމާލެ ބީޗް ފްރަންޓްގައި "ޑޯމް" ރެސްޓޯރަންޓް ހިންގި މަޝްހޫރު ވިޔަފާރިވެރިޔާ ހަސަން ބާގިރު (ވިންގްސް ބާގިރު) ސިވިލް ކޯޓަށް ހާޒިރުނުވެ ފިލައިގެން އުޅޭތީ ބަންދުގައި ބަހައްޓައިގެން ހާޒިރުކުރަން ބޭނުންވެގެން ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުން މިއަދު ވަނީ ސިވިލް ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބާގިރު ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

މިގޮތުން ވ. ރާހި، ޙަސަން ބާގިރު 68 ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ 1:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ފުލުހުން ބާގިރު ހޯދާއިރު އޭނާގެ ދޮށީ ފިރިހެން ދަރިފުޅު މުހައްމަދު ބޭންކަކުން ނެގި 60 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނެއް ނުދައްކައި ފިލައިގެން އިނގިރޭސިވިލާތަށް ދިއުމުން އޭނާ ހޯދުމަށް ވެސް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ވަނީ މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައިވެ އެވެ.

ފުލުހުން ބާގިރު ހޯދާއިރު، އޭނާ ހުޅުމާލޭގައި ހިންގި ޑޯމް ރެސްޓޯރަންޓްގެ ކުއްޔާއި ކަރަންޓް އަދި ފެނަށް ދައްކަން ޖެހޭ އެތައް ލައްކަ ރުފިޔާއެއް ނުދައްކައިގެން އެޗްޑީސީން ވަނީ އެތަނުގެ އެއްބަސްވުން ބާތިލުކޮށްފައި ކަމަށްވެ އެވެ.

ޑޯމް ހިންގަން އެޗްޑީސީއާއެކު ވިންގްސް ސާވިސަސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވުމުގައި ސޮއިކުރީ އޮގަސްޓް 24، 2015 ގަ އެވެ. އަދި އެ ރެސްޓޯރަންޓް 2017 ވަނަ އަހަރު ހުޅުވައިގެން ހިންގުމަށް ފަހު މިދިޔަ އަހަރުގެ ތެރޭގައި ވަނީ ބަންދުކޮށްފަ އެވެ.