ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޮޑެތި އިސްރާފުތަކާއި ހަރަދު ކުޑަނުކުރުމުގެ ސަބަބުން އިގުތިސާދު ފުން އަނދަވަޅަކަށް ވެއްޓި ޑޮލަރުގެ އަގު އުފުލެމުންދާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މި ވެރިކަން ފެށުނުއިރު 17.50 ގައި ހުރި ޑޮލަރުގެ އަގު 23 ރުފިޔާއަށްވުރެ މައްޗަށް ދިޔައީ ސިޔާސަތުތައް މަދުވެގެން ނޫން ކަމަށެވެ. ޓީޖީއެސްޓީއާއި ގްރީން ޓެކްސް އަދި އެއާޕޯޓު ފީތައް ބޮޑުކުރުމުގެ އިތުރުން ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުން ދައުލަތަށް ތާރީހުގައި ނުލިބޭ މިންވަރަށް ޑޮލަރުގެ އާމްދަނީ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފިޔަވަޅުތަކާއެކު ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވެސް އަޅަންޖެހޭނެ ކަމަށް ކުރީގެ މިނިސްޓަރު ފާހަގަކުރެއްވި އެވެ. ކޮވިޑުގެ ހާލަތުގައި މުޅި ދުނިޔެ ހުއްޓުނުއިރު ވެސް ރާއްޖޭގެ އިގުތިސާދު ނުވެއްޓޭ ފަދަ ފުން އަނދަވަޅަކަށް މި ސަރުކާރުން އިގުތިސާދު ވައްޓާލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ސަރުކާރުގެ ބޮޑު އިސްރާފަށް ފަންޑުކުރަން އެތައް ހާސް ދިވެހިންނެއްގެ ހަލާލު މަސައްކަތުން ލިބޭ އާމްދަނީ ބޭނުންކުރަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި އުފުލެނީ ރަސްމާލެ ހިއްކުމާއި އަސްކަރީ ޑްރޯނާއި ހަތިޔާރު ގަތުމާއި ބިލިއަނުން ކުރާ މުސާރައިގެ ހަރަދުތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން އިގުތިސާދަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެކަމުގެ ޒިންމާ ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ބޮލުގައި ނޭޅުވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ޕްރައިވެޓް ސެކްޓާ އެއްކޮށް ފުނޑާލިއިރު ބޭރުން ފައިސާއެއް ނުވަތަ އިންވެސްޓްމަންޓެއް ވެސް ނުގެނެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. ބޭންކުތަކާއި މާލީ އިދާރާތައް ސިޔާސީ ބޭނުންތަކަށް ބޭނުންކޮށް، ގާނޫނީ އިމުގެ ބޭރުން 2.4 ބިލިއަން ރުފިޔާ ޗާޕުކޮށްގެން އިގުތިސޯދަށް ވައްދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ވިޔަފާރިތަކާއި މަސައްކަތްތެރިންނަކީ އިގުތިސޯދުގެ މައި ވިންދު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެ ވިޔަފާރިތައް އިނދަޖައްސާލުމަކީ ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެމްއެމްއޭގެ ތަސައްވުރަކީ ޑޮލަރަށް ބަރޯސާވާ މިންވަރު ކުޑަކުރުން
ދްރިޝްޔަމް 3: ފަހުގެ ކުރިމަތިލުމާއެކު އަޖޭ އެނބުރި އަންނަނީ!
ޕެޓިޝަންގައި ސޮއިކުރަން އެޗްޑީސީގެ މުވައްޒަފުންނަށް ބިރުދައްކަނީ
