އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެންބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފައިވަނިކޮށް އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަކީލު އިސްތިއުފާ ދެއްވައިފި އެވެ.

އޭސީސީގެ މެންބަރުކަމަށް ދަފްތަރު ނަންބަރު 3654، އިބްރާހީމް ޝަކީލް ރައީސް ސޯލިހު އައްޔަންކުރައްވާފައި ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް 25ގަ އެވެ. މެންބަރުކަމުން އިސްތިއުފާދެއްވާ ރައީސްއަށް ޝަކީލް ފޮނުއްވި ސިޓީގައި އިސްތިއުފާދެއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހުން ނިންމި ނިންމުމެވެ.

ޝަކީލް އިސްތިއުފާދެއްވާފައި މިވަނީ އޭސީސީގެ މެންބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މާދަމާ ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ތައާވަލުކޮށްފައިވަނިކޮށެވެ.

މީގެ ކުރިން އެ ކޮމިޝަންގެ މެންބަރު އަލީ އަޝްރަފް ވެސް ވަނީ ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

ޝަކީލްގެ އިސްތިއުފާއާޔާ އެކު ކޮމިޝަންގައި ދެން ތިއްބަވާނީ ތިން މެންބަރުންނެވެ. އެއީ:

  1. މަރިޔަމް ޝިއުނާ - ރައީސް
  2. ފާތިމަތު އަނޫލާ - ނައިބު ރައީސް
  3. އާއިޝަތު އަބްދުﷲ

މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ނިންމައި، ޖަލްސާގެ އެޖެންޑާ ވެސް މިހާރު ވަނީ މެމްބަރުންނަށް ފޮނުވާފަ އެވެ. މަޖިލިސް މިއަހަރުގެ ޗުއްޓީއަށް ގޮސްފައިވަނިކޮށް ދައުރުން ބޭރުން މިޖަލްސާ ބާއްވަނީ އޭސީސީގެ މެންބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ މިނިވަން މުއައްސަސާ ކޮމެޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު އެވެ.