ކޮންމެ ރަށެއްގައި ވެސް އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރެވޭނެ ޖުމްލަ އަދަދާއި، އެ އުޅަނދެއް ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލާޒިމްކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އަލަށް އެކުލަވާލައި އަމަލުކުރަން ފެށި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ގަވާއިދުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އުޅަނދުގެ އަދަދު ކަނޑައެޅުމުގައްޔާއި، އެކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އަސާސީ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިފަދަ ގަވާއިދެއް އެކުލަވާލުމުގެ ބޭނުމަކީ ރާއްޖޭގެ ރަށްރަށާއި ސިޓީތަކާއި އެނޫން ވެސް ސަރަހައްދުތަކުގައި ބޭނުންކުރެވޭނެ އުޅަނދުތަކުގެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އަސާސީ މިންގަނޑުތަކާއި އެ މިންގަނޑުތަކާއ އެއްގޮތަށް އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހު، އެކަން ތަންފީޒުކުރުމުގައި އަމަލުކުރަންޖެހޭ އާންމު އުސޫލުތައް ބަޔާންކުރުން ކަމަށެވެ. އަދި ވަކިވަކި ރަށްރަށާއި ސިޓީތަކުގައި މި ގަވާއިދު ހިންގާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުން ކަމަށާއި، ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ ސަރަޙައްދެއްގައި ނަމަ މި ގަވާއިދު ހިންގާނީ އެ މިނިސްޓްރީން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އާ ވާއިދުގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި، ސިނާޢީ ރަށްރަށާއި ސަރަޙައްދުތަކުގައި ބޭނުންކުރުމަށްޓަކައި އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެވޭނެ އެންމެ ގިނަ އަދަދާއި، އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު، އެއިން ކޮންމެ ތަނަކަށް ވަކިން، އަދި އެކި ބާވަތުގެ އުޅަނދުތަކަށް ވަކީން ކަނޑައަޅަންޖެހެ އެވެ. އަދި މި ގަވާއިދުގެ ދަށުން އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހު، އުޅަނދުތަކުގެ އަދަދު ކަނޑައެޅި ފަރާތުން އެކަން އާންމުކޮށް ފެންނަން ހުންނާނޭހެން ޝާއިއުކޮށް، އިއުލާނު ކުރަންޖެހޭނެ ކަމަށާއި، އެކަން އިއުލާންކުރާތާ މަދުވެގެން ހަ މަސްދުވަހުގެ ފަހުން އެ ކަނޑައަޅާ އަދަދާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ އެވެ.

އުޅަނދުތަކުގެ އަދަދު ކަނޑައަޅާ ފަރާތުން ބަލައި ރިއާޔަތްކުރަންޖެހޭ މައިގަނޑު މި ތިން އަސާސެއް މި ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި ބަލަންޖެހޭ އަސާސްތައް:

  1. އެ ރަށެއްގެ މީހުންގެ އާބާދީ
  2. ބޭނުންކުރާ އެއްގަމު އުޅަނދުގެ އަދަދު
  3. އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅައިފައިވާ މަގުތަކާއި، ޕާކުކުރުމަށް ކަނޑައަޅައިފައިވާ ސަރަޙައްދުގެ ބޮޑުމިން

އެ ގަވައިދުގައިވާ ގޮތުން މިކަންކަމަށް ބަލާ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށް ތަފްސީލީ އެސެސްމަންޓެއް ކަމާގުޅޭ މާހިރުންގެ ލަފަޔާއެކު ކައުންސިލްތަކުން ހަދަންޖެހޭނެ އެވެ. މި އެސެސްމަންޓުގައި ބަލަންޖެހޭނެ މުހިއްމު ކަންކަމާއި، އުޅަނދުތަކުގެ ޢަދަދު ކަނޑައެޅުމުގައި ބަލާނެ އަސާސީ މިންގަނޑު ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އަދި އުޅަނދުތަކުގެ އަދަދާ އެއްގޮތަށް އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ އުސޫލާއި، އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައެޅުމުގައި ވެސް ބަލަންޖެހޭ ކަންކަން ގަވާއިދުގައި ތަފްސީލުކޮށްދީފައިވެ އެވެ.

އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކާއި ސިނާއީ ރަށްރަށާއި ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅަންވާނީ އުޅަނދު އުފެއްދި ތާރީހުން ފެށިގެން ކަމަށް އަލަށް އަމަލު ކުރަން ފެށި ގަވައިދުގައި ބުނެފައިވެ އެވެ. އަދި އުޅަނދު ބޭނުންކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުން އުޅަނދުގެ ވެރިފަރާތުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި، އުޅަނދުގެ ރަޖިސްޓަރޭޝަނާ މެދުގައި އަމަލުކުރެވޭނެ އުސޫލުތައް، އަދަދު ކަނޑައަޅާ ފަރާތުން އެކުލަވައިލައި، އެ އުސޫލުތައް އާންމުކޮށް އަންގައި އިއުލާނު ކުރަންވާނެ އެވެ.

އުޅަނދުތައް ރަޖިސްޓްރީކުރެވޭނެ އަދަދާއި ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލްތަކުން ކުރުމަށްފަހު، ތައްޔާރުކުރާ އެސެސްމަންޓް ރިޕޯޓާއި، ކަނޑައަޅާ ޢަދަދުތައް ކައުންސިލްތަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި ލޯކަލް ކައުންސިލްތަކުން ފޮނުވާ އުޅަނދުތަކުގެ އަދަދު ކަނޑައަޅައިފައިވަނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންތޯ މިނިސްޓްރީން ބަލަންޖެހޭނެ ކަމަށް ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.