ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ރިސޯޓު ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އަންނަ އޮކްޓޫބަރުން ފެށިގެން އެ މިންވަރަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު އިސްލާހުކޮށް ތަސްދީގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވިއިރު، މީގެކުރިން އޮތް އުސޫލުގެ ދަށުން ރިސޯޓުތަކުން މާރުކުރަން ޖެހެނީ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ އެވެ.
އާ ގާނޫނުގައިވާ ގޮތުން، އަހަރަކު 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމް ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ލާޒިމުވެ އެވެ. އަދި ކެޓެގަރީ-ސީ ގައި މާރުކުރަން ޝަރުތުހަމަވާ އާމްދަނީގެ މިންވަރު ވަނީ 15 މިލިއަނުން 25 މިލިއަން ޑޮލަރަށް މަތިކޮށްފަ އެވެ. ނަމަވެސް، ސައްތައިންސައްތަ ދިވެހި ކުންފުނިތަކުން މާރުކުރަން ޖެހޭނީ އާމްދަނީގެ ހަތް އިންސައްތަ އެވެ.
މީގެއިތުރުން، ކުރިން އޮތް ތިން މަސްދުވަހުގެ ބަދަލުގައި ޑޮލަރު މާރުކުރަންޖެހޭ މުއްދަތު ވަނީ 28 ދުވަހަށް ކުރުކޮށްފަ އެވެ. އެހެންކަމުން، ކޮންމެ މަހަކު ލިބޭ އާމްދަނީ ޖެހިގެން އަންނަ މަހުގެ ތެރޭގައި މާރުކުރަން ޖެހޭނެ އެވެ.
ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ވަނީ އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ ސިނާއަތަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްޑީޕީން ސިލްސިލާ ހަރަކާތަށް ނުކުންނަން ގަރާރެއް ހުށަހަޅަނީ