ފަތުރުވެރިކަމުގެ މިއަހަރުގެ ޕީކް ސީޒަން ފެށިއްޖެ އެވެ. ރިޒޯޓުތަކާއި އެއަރޕޯޓްތަކުގެ ކާރުބާރު ބޮޑުވެއްޖެ އެވެ. އަހަރު ނިމޭ ދުވަސްކޮޅާ ދިމާކޮށް މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުތައް ފުލްވެއްޖެ އެވެ.

ނަމަވެސް މިދާއިރާގެ އެންމެ ތަޖުރިބާކާރު އަދި މިދާއިރާ ކުރިއެރުވުމަށް އެންމެ ބޮޑަށް މަސަައްކަތްކުރާ ޒަމާންވީ މަސައްކަތްތެރިން އެންމެ ގިނަ އައްޑުއަށް މިކަމުން އެއްވެސް އުފަލެއް ނެތެވެ. އައްޑޫގައި އޮތް ތިން ރިޒޯޓުގެ ތެރެއިން ދެ ރިޒޯޓު ކޮވިޑާ ގުޅިގެން ބަންދުކުރި ގޮތަށް އަދިވެސް ނުހުޅުވެ އެވެ. އެތައް ޒުވާނުންނެއް ވަޒީފާ ގެއްލި މިކަމުގެ ސަބަބުން ގޭގައި މަޑުކުރަން ޖެހިފައިވާއިރު މި ޕީކް ސީޒަންގައި އެ މީހުންގެ ޖީބުތަކަށް ވާންނާނެ ކަމަށް ބުނި ޑޮލަރެއް ނުވަތަ ޕައުންޑެއް ވެސް ނުވަދެ އެވެ. އެ މީހުން ތިބީ ނައިޓަށް ގެއަށް ދިޔަ ގޮތަށް އަދިވެސް ގޭގަ އެވެ.

ޓްރެވަލް އެޖެންޓުން ބުނަނީ ކުރިޔަށް އޮތް ދެ ހަފްތާގައި މިއަށްވުރެ ބާރު ބޮޑުވާނެ ކަމަށެވެ. ބައެއް ފަރާތްތަކުން ބުނީ ކުރިޔަށް އޮތް 10 އަހަރު ރާއްޖޭގެ އޮކިއުޕެންސީ އިތުރު ނުވާވަރަށް މިއަހަރު އޮކިއުޕަންސީ އިތުރުވާނެ ކަމަށެވެ. ގިނަ ރިސޯޓުތަކުގެ އޮކިއުޕަންސީ ފުލްވެފައިވާއިރު ގިނައީ ވެސް ލަގްޒަރީ ރިސޯޓުތަކެވެ. ނަމަވެސް މިވަގުތު އައްޑޫގައި ހުޅުވިފައި އޮތީ ސައުތް ޕާމް ރިޒޯޓު އެކަންޏެވެ.

އައްޑޫގައި މިހާރު ބަންދު ކޮށްފައިވާ ދެ ރިޒޯޓުގެ ތެރެއިން ކެނެރީފް ރިސޯޓު (ހެރެތެރެ) ހުޅުވައި އެތަން އަލުން އޮޕަރޭޝަނަށް ގެނައުމަށް ވެސް މަސައްކަތް ކުރައްވާ ޝާޒު ވަލީދު ބުނެފައި ވަނީ ސަރުކާރުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭތީ އައްޑޫގެ ޓޫރިޒަމަށް ކުރި އުއްމީދު ނާއުއްމީދަކަށް ބަދަލުވެފައިވާ ކަމަށެވެ.

އޭނާ ބުނީ އެދުނީ އެންމެ ކަމަކަށް ކަމަށާއި އެއީ ޗާޓަރު ތިން ފްލައިޓް އެތެރޭގެ އުދުހުންތަކަށް ފަސޭހަ ގަޑިއެއް ދިނުމަށް ކަމަށެވެ. ނަމަވެސް ސަރުކާރަށް މިކަން ވެސް ކޮށް ނުދެވުނު ކަމަށެވެ.

މިކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ވެސް ވަނީ އޭނާގެ ފޭސްބުކް ޕޭޖްގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ސާލިހާ ވިދާޅުވީ މިހެން މިކަން ހިނގާނަމަ އައްޑޫގައި ޓޫރިޒަމް ޒޯންތައް ކަނޑައެޅުމުގެ ބޭނުމެއްނެތް ކަމަށެވެ. އަދި އެތަންތަނަށް އިންވެސްޓް ކުރާނީ ކޮންބައެއްތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

https://www.facebook.com/1755079870/posts/10209358030665146/?d=n

ހަމައެއާއެކު އައްޑޫ ސިޓީގެ ފޭދޫގެ އެއް ކަައުންސިލަރު އާމިނަތު ސަލްމާވެސް ރިޒޯޓްތައް ނުހުޅުވޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޝަންގްރިއްލާ އަދި ހެރަތެރަ ރިސޯރޓް ބަންދުވެފައި އޮތުމުން އައްޑޫގެ ގިނަ ޒުވާނުންނަށް ވަޒީފާގެ ދަތިކަން އިންތިހާއަށް އޮތް މިދަނޑިވަޅުގައި މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދިނުމަށް ސަރުކާރަށާއި އައްޑޫގެ މަޖްލިސް މެމްބަރުންނަށް ސަލްމާ ގޮވާލެއްވި އެވެ.

https://www.facebook.com/100002458244641/posts/4698993210192574/?d=n

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް މިސަރުކާރުން ގިނަ ވައުދުތަކެއް ވެފައިވެ އެވެ، އެގޮތުން އައްޑޫގައި 8،000 އެނދު ތަރައްގީ ކުރުމަށާއި އައްޑޫ އެއާޕޯޓް ތަރައްގީކޮށް ދުނިޔޭގެ ފަސް ސަރަހައްދަކުން ދުވާލަކު ފަސް ފްލައިޓް ޖެެއްސޭނެ ގޮތް ހެދުމަކީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އައްޑޫ ވައުދުނާމާގެ ބައެއް ކަންކަމެވެ. ނަމަވެސް މިހާތަނަށް އައިއިރު އައްޑޫ ރައްޔިތުންނަށް ދައްކަމުންދަނީ ހައްތާހާ ވެސް އަވާމެންދުރެވެ.