ރާއްޖެއަށް ގެނެސްފައިވާ ފައިޒާ ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހޭނީ ސިރިންޖް ޝިޕްމެންޓް ލިބުމުން ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހާ ފައިޒާ ވެކްސިންގެ 100،620 ޑޯޒްގެ ފައިޒާ ވެކްސިން އިއްޔެ ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ބޫސްޓާ ޑޯޒް ޖެހުމަށް ވާންޖެހޭ ތައްޔާރީތައްވަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ނަމަވެސް ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖު ދުނިޔޭގައި ވެސް މަދުވަމުންދިއުމާ ގުޅިގެން، އެކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށް އެ އެޖެންސީން ބުންޏެވެ. އަދި ވެކްސިނާއެކު ލިބެންޖެހޭ ސިރިންޖުގެ ޝިޕްމެންޓްގައި ލަސްތަކެއް އުޅޭ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ނަމަވެސް، ސިރިންޖުގެ ޝިޕްމެންޓް ރާއްޖެ ލިބުމާއެކު ވެކްސިން ޖެހުމުގެ އިތުރު ތައްޔާރީތައް ވަމުންދާނެ ކަމަށާއި، ވެކްސިން ޖަހާނެ ދުވަހެއް އިއުލާނުކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑުން ސަލާމަތްވުމަށް ބޫސްޓާ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ބޭނުންކުރަނީ ފައިޒާ ވެކްސިން އެވެ.

އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ބޫސްޓާ ޑޯޒް ޖަހަމުން ގެންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިމަހުގެ ފުރަތަމަ ހަފްތާގައި ސިއްހީ ދާއިރާގެ ކުރީ ސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށާއި، ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ޖެހުމަށް ހުޅުވާލާނެ ކަމަށް ވިދާޅުވެފަ އެވެ.