މޫސުން ފިނިވާން ފެށުމާއެކު، ހުޅުތައް ބާރުވެ، ތަދު އިހުސާސް ކުރެވުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ނަމަވެސް ޔޫ.އޭ.އީގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ފިނީގެ ސަބަބުން ހުޅުތަކަށް ސީދާ ގެއްލުމެއް ލިބޭ ކަމަކަށް ނުބެލެވުނު ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކާއި ހަރަކާތްތަކަށް ހަށިގަނޑުން ދޭ ރައްދުތައް ބަދަލުވެ އެވެ.
އޯތޯޕެޑިކް ސާޖަރީ ކޮންސަލްޓަންޓް ޑރ. އަހުމަދު ތާމިރު ފަރަގު އަހުމަދު މުހައްމަދު ފާހަގަ ކުރައްވާ ގޮތުގައި، ފިނި މޫސުމުގައި ހުޅުތަކުގައި ރިއްސާ ރިއްސުމަކީ ބަލި އިތުރަށް ގޯސްވުމެއް ނޫނެވެ. އެއީ ހަމައެކަނި އިހުސާސްވާ ތަދު އިތުރު ވުމެވެ.
ފިނިވުމުން ހުޅުތަކަށް ވާ ގޮތް
ރޫމެޓޮލޮޖީ ސްޕެޝަލިސްޓް ޑރ. ބާލާ ކްރިޝްނަން ނަވަނީތަން ވިދާޅުވާ ގޮތުގައި، ފިނިވުމުން ހުޅުތަކުގެ ވަށައިގެންވާ މަސްތަކާއި، ޓެންޑަންތަކާއި ލިގަމެންޓްތައް ބާރުވެ، ލޮނދިކަން ކުޑަވެ އެވެ. އެއާއެކު ވައިގެ ޕްރެޝަރު (ބެރޮމެޓްރިކް ޕްރެޝަރު) ދަށްވުމުން، ހުޅުތަކުގެ ވަށައިގެންވާ ޓިޝޫތައް ކުޑަކޮށް ފުފޭ ގޮތްވެ، ކުރިން ވެސް ތަދުވާ ހުޅުތަކަށް އުނދަގޫ އިތުރުކޮށްދެ އެވެ.
މީގެ އިތުރުން، ފިނިވުމުން ހުޅުތަކުގެ ދޭތޭގައި ހުންނަ ލުބްރިކޭޓް ފްލުއިޑް (ސައިނޯވިއަލް ފްލުއިޑް) އޮލަވެ، ހުޅުތައް ހަރަކާތްތެރި ކުރުމަށް ދަތިވެ، ބާރުވާ ގޮތް މެދުވެރިވެ އެވެ.
- އާތުރައިޓިސް ހުންނަ މީހުން: އޮސްޓިއޯއާތުރައިޓިސް ހުންނަ މީހުންގެ ކާޓިލޭޖް ހަލާކުވެފައި ހުރުމުން، ފިނިވުމާއި ހަރަކާތް މަދުވުމުގެ ސަބަބުން ތަދު ބޮޑުކޮށް އިހުސާސްވެ އެވެ. ރޫމެޓޮއިޑް އާތުރައިޓިސް ހުންނަ މީހުންނަށް ހެނދުނު ހުޅުތައް ބާރުވުން ފަދަ އަލާމާތްތައް ފިނި މޫސުމުގައި އިތުރަށް ފާޅުވެދާނެ އެވެ.
- އާތުރައިޓިސް ނެތް މީހުން: ކުރިން ހުޅުތަކުގެ އެއްވެސް މައްސަލައެއް ނެތް މީހުންނަށް ވެސް، ގިނަ އިރު އެއްތަނެއްގައި އިނދެފައި ތެދުވާއިރު ނުވަތަ ފިނި ތަނަކުން ހޫނު ތަނަކަށް (ނުވަތަ އޭސީ ފިނި ތަނަކަށް) ދާއިރު ވަގުތީ ގޮތުން ހުޅުތައް ބާރުވެދާނެ އެވެ.
ހުޅުތަކަށް ލުއިކަން ހޯދޭނެ ގޮތްތައް
ފިނި މޫސުމުގައި ހުޅުތަކުގެ ތަދު ކުޑަކުރުމަށް ޑޮކްޓަރުން ދެއްވާ މުހިންމު ލަފާތަކުގެ ތެރޭގައި:
- ހަރަކާތްތެރިވެ އުޅުން: ހަފުތާއަކު މަދުވެގެން 150 މިނެޓު މެދުމިނުގެ ކަސްރަތު (މިސާލަކަށް ބާރަށް ހިނގުން ނުވަތަ ބައިސްކަލު ދުއްވުން) ކުރާށެވެ. ކަސްރަތު ކުރުމުގެ ކުރިންނާއި ފަހުން 5–10 މިނެޓު މަޑު ހަރަކާތްތަކެއް ގެންގުޅޭށެވެ.
- އިށީނދެ އިންނައިރު ހަރަކާތް ކުރުން: ކޮންމެ 30 އިން 60 މިނެޓަކުން ކުޑަ ހަރަކާތެއް ކޮށްލައި، ގިނަ އިރު އެއްތަނެއްގައި ނުތިބޭށެވެ.
- ހޫނުކަން ދިނުން: ފިނިން ރައްކާތެރިވުމަށް ހެދުން އަޅާށެވެ. މަސްތައް ހަމައަކަށް އަޅުވަން ހޫނު ފެނުން ފެންވެރުން ނުވަތަ ވޯމް ޕެކް ބޭނުން ކުރެވިދާނެ އެވެ.
- ބާރާއި ބެލެންސް ދެމެހެއްޓުން: ކަކުލާއި، އުކުޅާއި، ކޯ މަސްތައް ވަރުގަދަކޮށް ބެހެއްޓުމުން ހުޅުތަކަށް ލިބޭ ބުރަ ކުޑަވެ އެވެ.
- ރައްކާތެރިވުން: ފިނި ތަންތަނުގަ އާއި، ތެތްކޮށް ހުންނަ ތަންތަނުގައި ވެއްޓިގެން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ސަމާލުވާށެވެ.
- އަސާސީ ކަންކަން ފުރިހަމަ ކުރުން: ހަމަހަމަ ކާނާ ކެއުމާއި، އެކަށީގެންވާ ވަރަށް ފެން ބުއިމާއި، ރަނގަޅަށް ނިދުމަކީ ހުޅުތަކާއި މަސްތަކުގެ ދުޅަހެޔޮކަމަށް މުހިންމު ކަންކަމެވެ.
ޑޮކްޓަރަކަށް ދައްކަން ޖެހޭ ހާލަތްތައް
މޫސުމީ ކަމެއް ކަމަށް ބަލައި ހުރިހާ ތަދެއް ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫނެވެ. ތަދު ދެމިގެން ދިއުމާއި، ނިދުމަށް ދަތިވުމާއި، ދެ ހަފުތާ ވަންދެން ގޭގައި ފަރުވާ ކުރުމުން ވެސް ރަނގަޅު ނުވާ ނަމަ، ނުވަތަ ހެނދުނު ހުޅުތައް ބާރުވެފައި ހުންނަ ވަގުތު 30 މިނެޓަށް ވުރެ ދިގުވާނަމަ ޑޮކްޓަރަކަށް ދައްކަން ޖެހެ އެވެ.
އެއާއެކު ކުއްލިއަކަށް އެންމެ ހުޅެއް ވަރަށް ބޮޑަށް ދުޅަވެ، ރަތްވެ، ހޫނުވެ، ހަރަކާތް ކުރުމަށް ނުކުޅެދޭ ނަމަ، ނުވަތަ ހުން އައުމާއެކު މި އަލާމާތްތައް ފެންނަ ނަމަ، އަވަސް ސިއްހީ ފަރުވާ ހޯދަން ޖެހޭނެ އެވެ.
ރައީސްގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކިކުރަން ފަށައިފި
ޕާކިސްތާނުގެ ޑްރާމާއާއެކު ނެޓްފްލިކްސްއަށް އިންޑިއާގެ އިންޒާރެއް!
ފައްޔާޒުގެ ޓީމުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފި