ފުއްޕާމޭގެ ކެންސަރަކީ ގިނަ ފަހަރު ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅުވައިގެން ދައްކާ ވާހަކަ އެކެވެ. ނަމަވެސް، ފުއްޕާމޭގެ ކެންސަރު ޖެހޭ ހުރިހާ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެއް ނޫނެވެ. ދުންފަތުގެ އެއްވެސް ތާރީހެއް ނެތް މީހުންނަށްވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް މާހިރުން ވިދާޅުވެ އެވެ.
ގްލޯބަލް ކެންސަރު އޮބްޒަވޭޓަރީގެ އަންދާޒާތަކުން ދައްކާ ގޮތުގައި އަވަށްޓެރި އިންޑިއާގައި އަލަށް ޖެހޭ ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން 3 ވަނައަށް އެންމެ އާންމު ކެންސަރަކީ ފުއްޕާމޭގެ ކެންސަރެވެ. އެއާއެކު ކެންސަރުގެ ސަބަބުން މަރުވާ މީހުންގެ އެންމެ ބޮޑު ސަބަބަކީވެސް އެއީ އެވެ.
މިކަމާ ގުޅޭގޮތުން، ދުންފަތް ނޫން އެހެން ސަބަބުތަކާއި، ޖެނެޓިކް އަދި ބަޔޮލޮޖިކަލް ކަންކަން މެދުވެރިވާ ގޮތާއި، އަޅާނުލާ ދޫކޮށްލައިގެން ނުވާނެ އަލާމާތްތަކާ ބެހޭގޮތުން މާހިރުން ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރައްވާފަ އެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރާނަމަ، ނުރައްކާ އިތުރުވަނީ ކޮން ކަންތައްތަކަކުން؟
ދުންފަތުގެ އިތުރުންވެސް ފުއްޕާމޭގެ ދުޅަހެޔޮކަމަށް އަސަރުކުރާ އެހެނިހެން ކަންތައްތައް ހުރެ އެވެ. އޭގެ ތެރޭގައި ވައި ތަގައްޔަރުވުމާއި، އެހެން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ދުމުގެ އަސަރު (ސެކަންޑް-ހޭންޑް ސްމޯކް) ހިމެނެ އެވެ.
މީގެ އިތުރުން، ބައެއް މަސައްކަތުގެ މާހައުލުތަކާއި، ގުދުރަތީ ގޮތުން އުފެދޭ، ކުލައެއް ނުވަތަ ވަހެއް ނުހުންނަ ރޭޑިއޯއެކްޓިވް ގޭހެއް ކަމަށްވާ "ރޭޑޮން"އަށް ހުށަހެޅުމާއި، ބަޔޮލޮޖިކަލް ނުވަތަ ޖެނެޓިކް ސަބަބުތަކުގެ ސަބަބުންވެސް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ނުރައްކާ އިތުރުވެ އެވެ.
ޖީންސް އާއި ބަޔޮލޮޖީގެ ދައުރު
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހޭއިރު، އޭގެ ފަހަތުގައި ސެލްތަކުގެ ޖެނެޓިކް ބަދަލުތައް (މިއުޓޭޝަން) ހިމެނޭކަން ފާހަގަކުރެވެ އެވެ. ބައެއް މީހުންގެ ހަށިގަނޑުގެ ވާރުތަވާ ސިފަތަކާއި ބަޔޮލޮޖިކަލް އޮނިގަނޑުގެ ސަބަބުން، ވައިގެ ތެރޭގައި ހުންނަ ގެއްލުންދޭ މާއްދާތަކަށް ފުއްޕާމޭގެ ސެލްތައް ނާޒުކުވުމުގެ ފުރުސަތު ބޮޑުވެ އެވެ. މިފަދަ ހާލަތްތަކުގައި، ބޭރުފުށުން ފެންނަ އާދަތަކަށްވުރެ ބޮޑަށް ހަށިގަނޑުގެ އެތެރޭގެ ބަޔޮލޮޖިކަލް ބަދަލުތަކުން ބަލި މެދުވެރިވުމަށް މަގުފަހިވެ އެވެ.
އަޅާނުލާ ދޫކޮށްލައިގެން ނުވާނެ އަލާމާތްތައް
ފުއްޕާމޭގެ ކެންސަރުގެ އަލާމާތްތައް ފުރަތަމަ ކޮޅުގައި އާންމު ކެއްސުމެއް ނުވަތަ މޫސުމީ އުނދަގުލެއްގެ ގޮތުގައި ފެނިދާނެ އެވެ. ނަމަވެސް، އެއްވެސް ބަދަލެއް ނައިސް ދިގުދެމިގެންދާ ކެއްސުމާއި، ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުމަކީ ސަމާލުވާންޖެހޭ ކަންކަމެވެ.
މީގެ އިތުރުން، މޭގައި ރިއްސުން، އަޑު ބެދުން ނުވަތަ އަޑަށް ބަދަލު އައުން، ބަރުދަން މާ ބޮޑަށް ލުއިވުން، އާދަޔާ ހިލާފަށް ވަރުބަލިވުން، އަދި ކުޅު ނުވަތަ ދަވަ ލާއިރު ލޭ އައުމަކީ އެއްގޮތަކަށްވެސް އަޅާނުލާ ދޫކޮށްލައިގެން ވާނެ އަލާމާތްތަކެއް ނޫނެވެ. މިފަދަ އަލާމާތްތައް ފެންނަނަމަ، ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ދައްކައި ލަފާ ހޯދުން މުހިއްމެވެ.