ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއިން ސަލާމަތްވީ ކަމާ ގުޅޭ އިދާރާތަކުން ހަދާފައިވާ ޓެކްނިކަލް ގޯހަކުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވުމުން އެކަމަށް ކުރީގެ ނައިބް ރައީސް އަދި ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ރައްދު ދެއްވައިފި އެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ސާބިތުވި މަނީލޯންޑަރިންގެ ކުށުން އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ކަމާ ގުޅުންހުރި އިދާރާތަކުން ހެއްދެވި ޓެކްނިކަލް ގޯސްތަކުން ކަމަށެވެ.

ރިޔާޒް ވިދާޅުވީ ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވި މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލުމުގައި، ތަހުގީގީ މަރުހަލާގައާއި ދައުވާކުރުމުގެ މަރުހަލާގައި ވެސް ރަނގަޅަށް މަސައްކަތް ކުރެވިފައިނުވާ ކަމަށެވެ. އެކަން ސުޕްރީމް ކޯޓުގެ ހުކުމް ކިޔާލުމުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާޒްގެ ވާހަކަތަކަށް ރައްދު ދެއްވާ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ ޓެކްނިކަން ގޯހުން ނިމޭ ކަމެއް ނޫން ކަމަށެވެ. އަދި ޖިނާއީ ކުށެއް ސާބިތުކުރަން ގިރާކުރަން ޖެހޭ ގާނޫނީ އޮޅިގަނޑެއް އޮންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މައުޞޫމްކަން ސާބިތުވުމުން އެމީހެއްގެ ބޮލުގައި އިލްޒާމް އެޅުވުން ނާތަހުޒީބު. ސިޔާސީ ގޮތުން ރައީސް ޔާމީނާއި ފައި ހަމަނުކުރެވޭނެކަން ހަޖަމްކުރަންޖެހޭ،" ޑރ. ޖަމީލު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލުހުކުމް އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު އެވެ.