"އިންޑިޔާ އައުޓް" ހަރަކާތް ހިންގާ ރާއްޖެ-އިންޑިއާ ގުޅުމާމެދު ދޮގު ވާހަކަތައް ފަތުރާ ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުން ދަނީ މަދު ބައެއް ކަމަށް ދިވެހި ސަރުކާރުން އަނެއްކާ ވެސް ބުނެފި އެވެ.

ދިވެހި ހާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިންޑިޔާ އައުޓް ހަރަކާތް ހިންގަނީ މަދުބަޔަކު ސިޔާސީ ބައެއްގެ ވިސްނުމުގައި ޖެހިގެން ކަމަށެވެ.

ސަރުކާރުގެ ބަޔާނުގައިވަނީ އިންޑިއާއާމެދު ނަފުރަތު އުފެއްދުމަށް މަދު ސިޔާސީ ޝަހުސޮިއްޔަތުތަކެއް ހިމެނިގެން ދޮގު މައުލޫމާތާއި އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރުމަށް ކުރާ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ދިވެހި ސަރުކާރުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ތަރުހީބު ދިން ނަމަވެސް އެ ހައްގުތައް ބޭނުންކުރަންވާނީ ޒިންމާދާރު ގޮތެއްގައި ޑިމޮކްރެޓިކް ހަމަތަކުން ކަމަށް ސަރުކާރުން ދެކޭ ކަމުގައި އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ ބަޔާނުގައި ރާއްޖެ އާއި އެހެން ގައުމުތަކާއި އޮންނަ ގުޅުންތަކާމެދު ދޮގު ވާހަކަތައް ފަތުރަމުން ދިއުމަކީ އެކަމުގެ ސަބަބުން ގައުމުތަކާއި އޮންނަން ޖެހޭ ބަދަހި ގުޅުންތަކަށް ހީނަރުކަން އަންނާނެ ކަމެއް ކަމަށެވެ. އަދި އެއީ އެ ގައުމުތަކުގައި ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ގޮސް އުޅޭ ދިވެހީންނަށް އެެެކަމުގެ ސަބަބުން ގެއްލުންވާނެ ކަންކަން ކަމަށެވެ.

ހުރިހާ ފަރާތްތަތަކަކުން އަދި ހާއްސަކޮށް ސިޔާސީ ލީޑަރުން ރާއްޖެއާއި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި ބައިނަލްއަޤުވާމީ މުޖުތަމަޢާމެދު އޮންނަ ގުޅުމަށް ހީނަރުކަން ލިބޭ ފަދަ މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިއީ ސަރުކާރުން މިކަމާގުޅިގެން ނެރުނު ދެވަނަ ބަޔާނެވެ. ކުރިން ނެރުނު ބަޔާނުގައި ވަނީ އިންޑިޔާ އައުޓު ކެޕްމެއިނަކީ ސޯޝަލް މީޑިއާގައި މަދު ބޮޓުން ކޮޅެއް ހިންގާ އެއްޗެއް ކަމަށެވެ.

ރައީސް ޔާމީން މިނިވަންވުމާ ގުޅިގެން އިންޑިޔާ އައުޓް ކެމްޕެއިންވަނީ އިތުރަށް ފުޅާވެފަ އެވެ. އެގޮތުން މިހަރަކާތުގެ އެންމެ ކުރީ ސަފުގައި އިންޑިޔާ އައުޓް ޖަހާފައިވާ ޓީޝާޓް ތުރުކުރައްވައިގެން ހުންނަވަނީ ރައީސް ޔާމީނެވެ.