އިންޑިޔާ އައުޓް ގޮވާނަމަ ރައީސް ރައީސް އަބްދުﷲ ޔާމީނަށް ހަމަލާދޭން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ގޮވާލައިފި އެވެ.

އެމްޑީޕީން މާލެ ދާއިރާ އަށް ހާއްސަކޮށްގެން ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނަށް އިޝާރާތްކުރައްވާ ފަލާހް ވިދާޅުވީ "އިންޑިއާ އައުޓް" މޭމަތީގައި ޖަހައިގެން "މިތާ އަތިރިމަތީގައި" ހުންނެވީ ތަހުޒީބް ބޭފުޅެއް ނޫން ކަމަށެވެ.

"އެހެން ގޮވާ ކަމަށް ވާނަމަ، އަޅުގަނޑުމެން ޖެހޭނެ އެމީހެއްގެ ކަންފަތް މަތީގައި ޖަހަން ވެސް. އެ ނޫން ގޮތަކަށް މި ނުހުއްޓުވޭނެ. އެ ކުރަން ޖެހޭ ކަމެއް މިހާރު،" ރައީސް ޔާމީން އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ފަލާހް ވިދާޅުވި ގޮތުގައި ދިވެހިންނަށް ލިބޭ ކޮންމެ ގެއްލުމަކާ ގުޅިގެން އެހީތެރިވާން ތިބީ އިންޑިއާ އެވެ. އެހެންވެ ކަންފަތް މަތީގައި ޖަހައިގެން ނަމަވެސް އިންޑިއާ އައުޓް ގޮވުން ހުއްޓުވަން ޖެހެ އެވެ.

"އަޅުގަނޑު އެދެން އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީގެ ގައުމީ މަޖިލިހުން ވެސް އިންޑިއާ އައުޓް ނުގޮވޭނެ ކަމަށް ފާސްކޮށް އިންޑިއާ އައުޓް ގޮވާ މީހުންނާ ދޭތެރޭގައި ސަރުކާރުން ފިޔަވަޅު އެޅުމަށް ގައުމީ މަޖިލިހުން ފާސް ކުރަން،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން އިންތިޒާމްކޮށްގެން ބޭއްވި މާލެ ސިޓީ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނަމަވެސް މި ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ވަރަށް މަދު ބައެކެވެ.