އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އަދި މީދު ވަކިކުރުމާ މެދުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ރައްޔިތުން މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ފަށައިފި އެވެ.

މެންބަރު ރޮޒެއިނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮވެގެން އެ ދެ ރަށުގެ ރައްޔިތުންނަށް ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ މެދުގައި ރައްޔިތުންގެ ހިޔާލަށް ހުޅުވާލާ ކަމަށެވެ. އަދި މިކަމާއި މެދުގައި ބަސްހުސްކޮށް މިކަމަށް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ކޮންމެ ކަމެއް ނިންމުމުގައި އެ ދެ ރަށުގެ ރައްޔިތުންނަށް ގިނަ ތަކުލީފަކާ ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާތަކަށް، އާ ކައުންސިލް އިންތިހާބުވުމާ ގުޅިގެން ހައްލު ލިބޭނެ ކަމަށް ރައްޔިތުން އުންމީދުކުރި .ނަމަވެސް މި ޝަކުވާތަކަށް ނިމުމެއް ނައި،" ރޮޒޭއިނާ ވިދާޅުވި އެވެ.

އައްޑޫ ކައުންސިލުން ހުޅުދޫ އާއި މީދު ވަކިވުމަށް ރައްޔިތުން އެދޭ ނަމަ، އަންނަ ފެބުރުއަރީ މަހުގައި މަޖިލިސް ހުޅުވޭއިރު އެކަން ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ހުށަހަޅުއްވާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.

https://www.facebook.com/rozeyna.adam/posts/10159712075675944

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން، ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ދަށުން ވަކިވެ، އަލުން ރަށެއްގެ ހައިސިއްޔަތު ހޯދުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މަޖިލީހަށް ވެސް ޕެޓިޝަނެއް ހުށަހެޅި އެވެ.

މެމްބަރު ރޮޒައިނާ އޭރު ވިދާޅުވެފައި ވަނީ، 1،000އަށް ވުރެ ގިނަ މީހުން ސޮއިކުރި އެ ޕެޓިޝަނަށް ތާއީދުނުކުރައްވާ ކަމަށެވެ.