ޓޫރިޒަމްގެ އެންމެ ބާރު ބޮޑު ދުވަސްވަރާ ދިމާކޮށް ރަޝިއާގެ ނޯޑް ވިންޑް އިން ރާއްޖެއަށް ޗާޓަރު ދަތުރުތަކެއް ފަށައިފި އެވެ.

އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ ރަޝިއާގައި ޓުއާ އޮޕަރޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެއް ކަމަށްވާ ރިސޯޓް ލައިފާ ގުޅިގެންނެވެ. ނޯޑް ވިންޑްގެ ފުރަތަމަ ދަތުރުކުރީ އިއްޔެ އެވެ.

ރަޝިއާއަކީ މިހާރު ވެސް ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެ ގައުމުން މިއަހަރުގެ މިހާތަނަށް 214،232 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރަޝިއާގެ އެއިރޯ ފްލޮޓް މިހާރު ވެސް ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރެ އެވެ.

ހައި ސީޒަނަށް ދިމާކޮށް ރާއްޖެއަށް ޗާޓަރު ދަތުރުތައް ކުރާ އެއާލައިން އަންނަނީ އިތުރުވަމުންނެވެ.

އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑުގެ ކުރިން އަންނަ ޗާޓަރު ފްލައިޓުގެ އަދަދާއި އަޅާ ބަލާއިރު، ޗާޓަރު ފްލައިޓުގެ އަދަދު މިހާރު ވަނީ ދެގުނަ އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މިއަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އަންނާނެ އެވެ.