"އިންޑިއާ އައުޓް" ޝިއާރުގެ ހަރަކާތާ ދެކޮޅަށް ސަރުކާރު ކޯލިޝަންގެ ބައިވެރިން ނެރުނު ބަޔާންތަކާ ގުޅިގެންއިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އެބޭފުޅުންނަށް ރައްދު ދެއްވައިފި އެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރާއްޖޭގެ އެއްބައިވަންތަ ކަމުގެ ދުވަހެއް ފާހަގަކުރާއިރު އޮތް އެންމެ ބޮޑު ހިތާމައަކީ ދިވެހިންގެ އެއްބައިވަންތަކަން ދޫކޮށް، ބޭރުގެ ގައުމެއްގެ އެއްބައިވަންތަކަން ނަގެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިއުން ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ގެއްލި މިނިވަންކަމަށް ބުރޫއަރާ ހިސާބަށް ކަންކަން ގޮސްފައިވާއިރު، މިހާލަތުގައިވެސް އިސްކުރަމުންދަނީ ބޭރު ގައުމެއްގެ މަސްލަހަތު ކަމަށް އަދުރޭ ވިދާޅުވި އެވެ.

ގައުމުގެ އެއްބައިވަންތަކަން ނެގެހެއްޓުމަށް އިދިކޮޅު ކޯލިޝަނުން މިއަދު ކުރަމުންދާ ޤައުމީ މަސައްކަތަކީ ދިވެހިންގެ މިނިވަން ކަމުގެ ދިފާއުގައި ކުރަމުންދާ މަތިވެރި ޖިހާދެއް. "އިންޑިއާ އައުޓް" ހަރަކާތަކީ މިކަމުގެ އެންމެ ބޮޑު ހަރަކާތް. މޭމަތި ފުރެންދެން އިންޑިއާ އައުޓް ޖަހައިގެން ރައްޔިތުންގެ ހައްހުގައި މަގުތަކުގައި އަޑު އުފުލުމަކީ މިއަދު ފަހުރުވެރިވާ ކަމެއް" އަދުރޭ ވިދާޅުވި އެވެ.

އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްއާއި، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިހާރު ތިއްބެވީ "ވަރަށް ބޮޑަށް ތާށިވެފައި" ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އާއި، އަދާލަތު ޕާޓީ އަދި އެމްއާރްއެމުން އިން ނެރުނު ބަޔާންތަކުގައި ވަނީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެއްބައިވަންތަކަމަށް އަސަރު ކުރާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން އަލަށް އުފެއްދީ ކާނަލް ނާޒިމްގެ އެމްއެންޕީންވެސް ވަނީ އިންޑިޔާ އައުޓް ހަރަކާތުގައި ބައިވެރި ނުވުމަށް ގޮވާލާފަ އެވެ.