ހޮންގްކޮންގަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ސިޓީ ކަމަށް ބުނެވޭނެ އެވެ. އެންމެ އަގުބޮޑު މުއްސަނދި ދިރިއުޅުމުގެ ފެންވަރު އެ ރަށުން ފެނުނު ކަމަށް ވިޔަސް ހޮންކޮންގުގެ އާބާދީގެ ބޮޑުބައެއް "ސަންދޯއް ގެ" ތަކެއްގައި ދިރި އުޅެ އެވެ.
މި ގެތަކަށް ސަންދޯއް ގޭގެ ނަމުން ނަން ދީފައިވަނީ ގޭގެ ސައިޒުގެ ސަބަބުންނެވެ. ސަންދޯކަކީ ވެސް އޭގެ ތެރޭގައި އެންމެ މީހަކަށް ކިރިޔާ އޮވެވޭ މިންވަރުގެ ޖާގައެއްގެ އެއްޗަކަށްވެފައި ހޮންކޮންގުގެ މިފަދަ ގެތަކުގައި ވެސް އެ ގެތަކުގައި އުޅޭ މީހުން ހެލިފެލިވެ އުޅެވޭ ފަދަ ޖާގަ ނެތުމުގެ ސަބަބުން އެގެތަކަށް ސަންދޯއް ގެތަކުގެ ނަމުން ނަން ދިނީ އެވެ.
ސަންދޯއް ގެތަކަކީ ހޮންކޮންގުގެ ރަނގަޅު ދިރިއުޅުމާއި ވަޒީފާގެ ފުރުސަތު ހޯދުމަށް ރަށްފުށު ހިސާބުތަކުން ސިޓީއަށް ހިޖުރަކުރާ މީހުންގެ ތެރެއިން ބައެއް މީހުނަށް އުޅެން ލިބޭ ތަންތަނެވެ. ކުރާ މަސައްކަތުން ލިބޭ އާމްދަނީން ދެކޮޅު ޖެއްސުމަށްޓަކައި އެންމެ ހެޔޮ އަގެއްގައި ލިބޭ މިގެތަކުގެ ނުވަތަ ކުދި ގޮޅިތަކުގެ ކުއްޔަކީ ވެސް އެހާ ކުޑަ އެއްޗެއް ނޫނެވެ. އާންމު ގޮތެއްގައި 3 ފޫޓު ހަފޫޓުގެ މި ގޮޅިތަކުގައި އެކަކަށް ހިންދެމިލައިގެން ރަނގަޅަށް ނިދާނުލެވެ އެވެ.
މިއަށް ވުރެ ތަންކޮޅެއް ބޮޑު ގޮޅިތަކުގައި ދެމަފިތިންނާއި ކުދިން ވެސް އުޅެމުން ގެންދެ އެވެ. ހޮންކޮންގުގެ އިތުރުވަމުންދާ އާބަދީގެ ސަބަބުން ގެދޮރުގެ ޑިމާންޑު ހިސާބަށް ވުރެ ބޮޑަށް ވަނީ އުފުލިފަ އެވެ. އެހެންކަމުން މަދުން މުސަރަ ލިބޭ މީހުނަށް މިފަދަ ގެއެއް ވެސް ވެފައިވަނީ ނިއުމަތަކަށެވެ. މިބާވަތުގެ ކުދި ކުދި ގޮޅިތަކުގައި ދިރިއުޅޭ މީހުންގެ އާބާދީގެ އަންދާޒާ އުޅެނީ 200،000 އަށް ވުރެ މަތީގަ އެވެ. މީގެ ތެރޭގައި 40،000 އަށްވުރެ ގިނަ ކުޑަކުދިން އުޅޭ ކަމަށްވެ އެވެ
ހޮންކޮންގުގެ ސަންދޯއް ގެތަކުގެ ފެށުން ގުޅިފައިވަނީ 1950 ހާތަނުގައި ހޮންކޮންގަށް ހިޖުރަކުރަން ފެށި ޗައިނީޒް މީހުންނާ އެވެ. އެފަދަ މީހުން ލައްވައި ތަފާތު މަސައްކަތް ކުރުވުމުށް އެ މީހުން ގެންގުޅުނު ވެރިން އެމީހުންނަށް މިފަދަ ކުދިކުދި ކޮށިތައް ދިރިއުޅުމަށްޓަކައި ދިން ދިނުމަކީ މިގެތަކުގެ ފެށުމެވެ.
ޒަމާންތަކެއް ފަހަނަޅައި ގޮސް އިނގިރޭސިންގެ ބެލުމުގެ ދަށުން ދުނިޔޭގެ އެންމެ ކުރިއަރަފައިވާ ތަނަކަށް ހޮންކޮންގް ބަދަލުވިއިރު ވެސް ކުދި ގޮޅިތަކުގައި އުޅޭ މީހުންގެ ހަޔާތް ބަދަލެއް ނުވި އެވެ.
މިއަދުގެ ހޮންކޮންގަކީ ޗައިނާގެ ބައެކެވެ. ދުނިޔޭގެ އެންމެ ލަގްޒަރީ ދިރިއުޅުމާ އެންމެ ދަށް ފެންވަރުގެ ދިރިއުޅުން ހޮންކޮންގުގެ މުޖުތަމައާ ވަނީ ގުޅިލާމެހިފަ އެވެ. މުއްސަނދިންނާއި ފަގީރުންގެ ތަފާތު ނައްތާލުމަށް ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރިކަމަށް ވިޔަސް ސަންދޯއް ގެތަކުގެ އާބާދީ ކުޑަކޮށް ލެވޭނެ ފަދަ އަލި މަގެއް ނުފެނެ އެވެ. އެހެންކަމުން ދިރިއުޅުމުގެ ފެންވަރު ރަނަގަޅު ކުރުމުގެ ނިޔަތުގައި ރަށްފުށުން ސިޓީއަށް ބަދަލުވެ ސަންދޯއް ގެތަކުގައި ހަޔާތް ވޭތު ކުރަން ޖެހިފައިވާ މުޖުތަމައުގެ ހަޔާތް ބަދަލު ވެދާނެކަމުގެ އުންމީދެއް ނެތެވެ. އެމީހުންނަށް އޮތީ ބުރަކޮށް މަސައްކަތް ކޮށްގެން ލިބޭ އެއްޗަކުން ހޭދަކޮށްގެން ސަންދޯއް ގެތަކެއްގައި އުޅެ މަރުވެގެން ސަންދޯކަށް ދިއުމެވެ.