އެޓާނީ ޖެނެރަލް އޮފީހުގެ ބާރުތަކެއް ރައީސް މުހައްމަދު މުއިއްޒުގެ އަތްމައްޗަށް ނެގުމަށް ގާނޫނަށް ގެނައި ބަދަލުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ބިލު ފާސްކުރި މިއަދު އޮތް މަޖިލީހުގެ ޖަލްސާގަ އެވެ.

ޕީއެންސީއަށް ނިސްބަތްވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލުގައި، އެ ގާނޫނަށް 14 ބަދަލެއް ގެނައުމަށް އޮތީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ބަންޑާރަނައިބަށް ލިބިދޭ ބައެއް ބާރުތައް އުނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެ އޮފީހަށް ނުފޫޒު ފޯރުވޭ ބަދަލުތައް ހިމެނެ އެވެ.

މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި މުއިއްޒުއަށް އިތުރު ބާރުތަކެއް ދިނުމަށް ބިލު ފާސްކުރަން 65 މެންބަރުން ވޯޓު ދިނެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ ހަތަރު މެންބަރުންނެވެ. ކޮމިޓީ މަރުހަލާގައި ބިލަށް މާ ބޮޑު ބަދަލެއް ނުގެނެ އެވެ.

މިއަދު ފާސްކުރި ބިލުގައި އޮތްގޮތުން މީގެ ކުރިން ބަންޑާރަނައިބު އޮފީހުގެ މަގާމުތަކުގެ އޮނިގަނޑު ކަނޑައެޅުމަށް ބަންޑާރަނައިބަށް ލިބިދީފައި އޮތް ބާރު ހަނިކޮށް، އެ އޮފީހުގެ އޮނިގަނޑު ރައީސް އޮފީހަށް ހުށަހަޅައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބެން ޖެހޭގޮތަށް މާއްދާއެއް ހިމަނާފައި ވެ އެވެ.

ހަމައެހެންމެ، ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދު އުފެދޭ މައްސަލަތަކާމެދު ގާނޫނީ ގޮތުން ގޮތް ކަނޑައަޅައި ހައްލު ހޯދައިދިނުމަށް އޭޖީއަށް ބާރު ލިބިދޭ މާއްދާ ގާނޫނުން އުނިކުރުމަށް ވެސް ބިލުގައި ހިމަނާފައި ވެ އެވެ.

ބަންޑާރަނައިބު އޮފީހުގެ މުވައްޒަފުންގެ ގިންތިތަކަށް ބަދަލު ގެންނަން ވެސް ބިލުގައި ހިމަނާފައިވެ އެވެ. މީގެ ކުުރިން އެޑްމިނިސްޓްރޭޓިވް ސާވިސްގެ ގޮތުގައި ގިންތިކޮށްފައި ތިބި މުވައްޒަފުން މި ބިލު ތަސްދީގު ކުރުމާ އެކު ލީގަލް ސަޕޯޓް ސާވިސްގެ ގިންތިއަށް ބަދަލުވާނެ އެވެ.

އޭޖީ އޮފީހުގެ ގާނޫނު ތަސްދީގު ކުރި ނަމަވެސް އެ ގާނޫނަށް އަމަލު ކުރަން އަދި ނުފަށަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާ މުއްދަތަކަށް އޮތީ، ގާނޫނު ތަސްދީގުކުރާ ދުވަހުން ފެށިގެން 90 ދުވަހެވެ. އެހެންކަމުން އެ ގާނޫނަށް އަމަލުކުރަން ފަށާނީ މިއަދު ފާސްކުރި ބިލުގައި ހުރި ބަދަލުތަކާ އެކު އެވެ.

ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތަކެއް އަންނާނެހެން އެކުލަވާލި ގާނޫނު ތަސްދީގު ކުރީ މިއަހަރުގެ އެޕްރީލް 29، ގަ އެވެ. އެ ގާނޫނަށް ބަދަލު ގެނަން ސަރުކާރުން ބިލެއް ހުށަހެޅީ އެ ގާނޫނު ފާސްކޮށް ތަސްދީގުކުރިތާ މަހެއް ނުވަނީހެވެ.