ސޯޝަލް މީޑިއާއާ ނުލާ އެންމެ ދުވަހެއް ވެސް އުޅުން ދަތިވެފައި ވާއިރު އެއީ މިއަދު އަހަރުމެންގެ ދިރިއުޅުމުގައި ފޫނުބެއްދޭ ވަރުގެ ހިއްސާއެއް އޮންނަ އެއްޗެއް ކަމަށް ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ވިޔަފާރި ތަކުން ފެށިގެން އަމިއްލަ ފަރުދުންވެސް އެކި ކަންކަމުގައި ސޯޝަލް މީޑިއާގެ ބޭނުން ހިފަމުންދެ އެވެ.
ތިމާގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތް އެހެން މީހުންނާ ހިއްސާ ކުރުމުގައި އެންމެ ބޮޑު ދައުރެއް މިހާރު އަދާ ކުރަނީވެސް ސޯޝަލް މީޑިއާ އެވެ. އެގޮތުން ފޭސްބުކް އަކީވެސް އަމިއްލަ ދިރިއުޅުމުގައި ކުރާ މުހިންމު ހުރިހާ ކަމެއްހެން ހިއްސާ ކުރަމުން އަންނަ ވަސީލަތަކަށް ވަނީ ވެފަ އެވެ.
ހަޔާތުގެ ބައިވެރިޔާއާއި އެކީގައި ޑޭޓަކަށް ދިޔަސް، ނުވަތަ އެހެން ގައުމަކަށް ޒިޔާރަތެއް ކުރިޔަސް އެ މަންޒަރުތައް ފޭސްބުކް މެދުވެރިކޮށް ހިއްސާ ނުކޮށް ހުންނާނީ ވަރަށް މަދު މީހެކެވެ. ތިބާގެ ދިރިއުޅުމުގެ ކަންކަން ފޭސްބުކްގައި ބަރާބަރަށް ހިއްސާ ކުރަމުންދާއިރު އެކަންކަމަކީ ތިބާގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރަން އެހެން މީހުން ގެންގުޅޭ ވަސީލަތެއް ކަމާ މެދުގައި ގިނަ ފަހަރު ވިސްނައެއް ނުލެވެ އެވެ.
ނަތީޖާއަކަށް ވަނީ ތިމާއަށް ހަސަދަވެރިވާ މީހުންނަށް ތިމާގެ އެންމެ ފަހުގެ ހަބަރުތައް ލިބުމެވެ. ބޯދާ ޚިޔާލެއް ކަމުގައި ހީވިޔަސް އެސްފީނާ އަކީވެސް ހަގީގީ އެއްޗެއް ކަމުގައި ދީނުގައި ވެސް އަންގަވާފައިވެ އެވެ. އެހެން ކަމުން ސޯޝަލް މީޑިއާގައި ޒާތީ ދިރިއުޅުން ހިއްސާ ކުރުމަކީ އެސްފީނާއަށް ހުޅުވޭ ފަހި ފުރުސަތެކެވެ.
ޖާނަލް ޕާސަނަލް ރިލޭޝަންޝިޕްސްއިން ކުރި ދިރާސާއަކުން ދައްކާ ގޮތުން، ތިބާގެ ލޯބީގެ ހަޔާތުގައި ތިބާ ހުރީ ހިތްހަމަޖެހިގެންތޯ ނުވަތަ ނޫންތޯ ވަޒަން ކުރުމަށް ގިނަ މީހުން ބަލަނީ ތިބާގެ ފޭސްބުކް ޕްރޮފައިލް އެވެ.
އެ ދިރާސާ ކޮށްފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. ދިރާސާގެ ބައިވެރިން ވަނީ ފޭސްބުކް އެކައުންޓްތަކެއް ހެދުމަށް ފަހު، 200 މީހުންނަށް އެ އެކައުންޓުތައް ނިސްބަތްވާ މީހުންގެ ދިރިއުޅުމާއި ބެހޭގޮތުން ހިޔާލުފާޅުކުރުމަށް ހަވާލުކޮށްފަ އެވެ.
އެ އެކައުންޓްތައް ބެލުމަށްފަހު، އެންމެ އުފާވެރި ހަޔާތެއް ބައިވެރިޔާއާއި އެކީގައި އުޅެމުން އަންނަ ކަމަށް ނިންމާފައިވަނީ އެންމެ ގިނަ ފޮޓޯތައް، "ލޯބި" ކެޕްޝަންތަކާ އެކީގައި ހިއްސާ ކޮށްފައިވާ މީހުންނެވެ. އަދި ބައިވެރިޔާގެ ފޮޓޯ ނުލައި އެކަނި ފޮޓޯލާ މީހުންނަކީ އުފާވެރި ހަޔާތެއް އުޅެމުންދާ މީހުން ނޫން ކަމަށް ދިރާސާގެ ގިނަ ބައިވެރިން ނިންމާފައިވެ އެވެ.
މީގެ އިތުރުން، އަމިއްލަ ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއް ފޭސްބުކްގައި ހިއްސާ ކުރާ މީހުންދެކެ މީހުން މާ ބޮޑަށް ފޫހިވާކަންވެސް ދިރާސާއިން ވަނީ ހާމަވެފަ އެވެ. އެގޮތުން، އެފަދަ މީހުންނަކީ އެކުގައި ވަގުތު ހޭދަ ކުރުމަށަ އެހާ ކަމުދާ ބައެއް ނޫން ކަމަށްވެސް ދިރާސާގެ ބައިވެރިން ނިންމާފައިވެ އެވެ.