އެކްޓަރު އައްލޫ އަރްޖުން ވަރަށް އަވަހަށް ބޮލީވުޑްގެ ސިނަމާތަކުން ފެނިގެންދާނެކަމުގެ އިޝާރާތެއް ދީފި އެވެ.

އިންޑިޔާ ނޫސްތަކަށް މައުލޫމާތުދެމުން އުމުރުން 39 އަހަރުގެ އަރްޖުން ބުނީ އޭނާ މިވަގުތު ކުރަމުން ގެންދަނީ އެންމެ އަވަހަށް ނެރެން ހަމަޖެހިފައިވާ "ޕުޝްޕާ' ގެ މަސައްކަތް ކަމަށެވެ.

ނަމަވެސް ބޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ކަމަށް އަރްޖުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ބޮލީވުޑްގައި މަސައްކަތް ކުރަން ފުރުސަތު ލިބުނު ކަމަށާއި، އެހެން ނަމަވެސް އޭނާ ހިތްހަމަ ޖެހޭފަދަ ރޯލެއް ނުލިބުމުގެ ސަބަބުން ބޮލީވުޑް ފިލްމެއްގައި މަސައްކަތް ނުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ތެލަގޫ ފިލްމު އިންޑަސްޓްރީގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު އަރްޖުން ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. ނަމަވެސް ހިންދީ ސިނަމާގައި ވެސް މައި، ބަތަލެއްގެ ރޯލު ނޫނީ ކުޅެން ބޭނުން ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އައްލޫ އަރްޖުން ތެލަގޫ ފިލްމު އިންޑަސްޓްރީން އެންމެ ބޮޑަށް ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވަނީ ތެލަގޫގެ "ބަނީ"، "އާރްޔާ" އަދި "ދެސާމުދުރޫ" އާއި "ޕަރުގޫ" ފަދަ ފިލްމުތަކުންނެވެ.