އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރަމުންދާއިރު މިހާތަނަށް އިއުލާންކުރި ނަތީޖާތައް ދައްކާ ގޮތުން ރޭހުގެ ކުރި ހޯއްދަވާފައި ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އެވެ.

ވާދަވެރި އިންތިހާބުގައި ބައިޑެން 129 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވައިފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބުކުރެއްވުނީ 92 އިލެކްޓޯރަލް ވޯޓެވެ. މިހާތަނަށް ޕޮޕިއުލާ ވޯޓުގެ ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ. އޭނާއަށް 23.2 މިލިއަން ވޯޓު ލިބިވަޑައިގެންފައިވެ އެވެ. ބައިޑެން ލިބިވަޑައިގެންނެވީ 22.2 މިލިއަން ވޯޓެވެ.

މި އިންތިހާބު ކާމިޔާބުކުރުމަށް 270 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރަން ޖެހެ އެވެ.

އިއްޔެ ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި، ވޯޓުގެ ނަތީޖާ މިހާރު އަންނަނީ އިއުލާންކުރަމުންނެވެ.

މި އިންތިހާބުގައި އެންމެ ފުރަތަމަ ނަތީޖާ އިއުލާންކޮށްފައި ވަނީ ވަމާންޓްގެ އެވެ. މި ސްޓޭޓް ކާމިޔާބުކުރުމުން ބައިޑެންއަށް ތިން އިލެކްޓޯރަލް ވޯޓު ވެސް ކާމިޔާބުކުރެވުނީ އެވެ.

ކުރީގެ ނައިބު ރައީސް ކާމިޔާބުކުރެއްވި ވަމާންޓްގެ ސެނެޓްގެ ގޮނޑި ފުރުއްވަމުން ގެންދަވަނީ ޑިމޮކްރެޓިކް ޕްރެސިޑެންޝަލް ޕްރައިމަރީގައި ވާދަކުރެއްވި ބާނީ ސެންޑާސް އެވެ. މީގެ އިތުރުން އިންޑިއާނާ ސްޓޭޓް ވެސް ބައިޑެން ކާމިޔާބުކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެމެރިކާގެ އިންތިހާބުގައި މިހާރު އަންނަނީ ވޯޓުލުމުގެ ގަޑި ހަމަވުމުން ސްޓޭޝަންތައް ބަންދުކުރަމުންނެވެ. ނަމަވެސް ޓްރަމްޕާއި ބައިޑެން ގެންދަވަނީ ވޯޓުލުން ނިމެންދެން ކިއުގައި މަޑުކުރަން އާއްމުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެއީ ވަގުތު ހަމަވިޔަސް ކިޔޫގައި ތިބޭ މީހުންނަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެތީ އެވެ.