ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ފޯކައިދޫއައި މަރޮށީގެ ރައްޔިތުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގިނަ ވައުދުތަކެއް ވެވަޑައިގެންފި އެވެ.

ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ރައީސް ވިދާޅުވީ ފޯކައިދޫ އަކީ މީގެކުރިން ރާއްޖޭގެ ޗާޓުގައިވެސް އޮތް ރަށެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުތައް ފިޔަވާ އެއްވެސް ސަރުކާރަކުން ފޯކައިދޫއަށް އަޅާލުމެއް ނެތް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ފޯކައިދޫ ޕޮލިސް ސްޓޭޝަނާއިި، ސިއްހީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށެވެ. ފޯކައިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ބަނދަރުގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

އަދި ފެނަކައިގެ އާ އިންޖީނުގެގެ މަސައްކަތާއި، ފޯކައިދޫ ދަނޑުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ. ފޯކައިދޫގެ ޗަކަ ބިމަށް ވެލި އަޅައި އެތަނުން ގޯތި ދޫކުރުމަށް ފޯކައިދޫ ރައްޔިތުން އެދޭތީވެ އެމަސައްކަތް ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންވެސް ރައީސް ދެއްވި އެވެ.

މީގެ އިތުރުން މަރޮށީގެ ރައްޔިތުންނަށްވެސް ރައީސް ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. އެގޮތުން ރައީސް ސޯލިހް ވަނީ މަރޮށި ބަނދަރު ހެދުމުގެ މަސައްކަތް އަންނަ ހަފްތާ ފެށިގެން ކުރިއަށްދާނެ ކަމަށްވެސް އިއުލާން ކުރައްވާފަ އެވެ. އަދި އެރަށުގެ ސިއްހީ މަރުކަޒާއި ސްކޫލުގެ ސައިންސް ލެބްގެ މަސައްކަތްތައް މިއަހަރަށް ބަޖެޓް ކުރެވިފައިވާ ކަމަށާއި އެކަންކަންވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.