ސިވިލް ސާވިސް ކޮމިޝަނުގެ ހުއްދައެއް ނެތި، މާލެއަތޮޅު އަތޮޅު ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލަރުންނަށް ޔުނިފޯމް އެލަވަންސްގެ ގޮތުގައި 23,000 ރުފިޔާ ދީފައިވާކަން އެ އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

މި މަހުގެ 20 ވަނަ ދުވަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު މި ރިޕޯޓުގައި، މާލިއްޔަތު ގާނޫނާ ހިލާފު އިތުރު ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ.

އެ އަހަރު މާލޭ އަތޮޅު ކައުންސިލްގެ ރައީސަކަށް ހުންނެވީ، މިހާރު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ކައުންސިލުން ދޫކުރި ސުނާމީ ލޯނާއި، ނަފާ ލޯނު އަދި މުވައްޒަފުންގެ ސްކީމް ލޯނުތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ނެތުމުން، ލޯނު ފައިސާ އަނބުރާ ނުލިބި ދިގު މުއްދަތެއް ވަނީ ފާއިތުވެފަ އެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހަޅާފައި ނުވާއިރު، އެހެން ރަށްރަށުގެ ކައުންސިލްތަކުން ބަލައިގަތް 635,036 ރުފިޔާ ވެސް އަތޮޅު ކައުންސިލަށް ރައްދުކޮށްފައެއް ނުވެ އެވެ.

މީގެއިތުރުން ކުއްޔަށް ދީފައިވާ ބިންތަކުން ލިބެންޖެހޭ 221,060 ރުފިޔާ ނުލިބި ހަތަރު އަހަރު ވެފައިވާއިރުވެސް، އެ ފައިސާ ހޯދަން ޝަރީއަތަށް މައްސަލަ ހުށަހަޅާފައެއް ނުވެ އެވެ.

އާމްދަނީއާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ބައެއް މައްސަލަތައް:

  • ޑްރައިވިން ޓެސްޓް ފީއާއި ޓެލެކޮމް ލައިސެންސް ފީގެ ގޮތުގައި ލިބުނު 49,800 ރުފިޔާ އެމްއެމްއޭގެ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައި ނުވުން.
  • އެކައުންޓަށް ޖަމާވި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ރަސީދު ހަދާފައި ނުވާއިރު، 7.6 މިލިއަން ރުފިޔާގެ ރަސީދު ތައްޔާރުކޮށްފައި ވަނީ ފައިސާ ޖަމާވި ތާރީހަށްވުރެ މާފަހުން.
  • 94,943 ރުފިޔާގެ އާމްދަނީ ރެކޯޑުކޮށްފައި ވަނީ ނުބައި ބަޖެޓް ކޯޑުތަކުގައި.

ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ، ކައުންސިލްގެ ހަރުމުދަލުގެ ރަޖިސްޓަރީގައި މުދަލުގެ އަގާއި ތަފްސީލު ފުރިހަމައަށް ނެތުމުގެ އިތުރުން، އަހަރަކު އެއްފަހަރު މުދާ ހަމައަށް ހުރިތޯ ޗެކުކޮށްފައި ނުވާ ކަމަށެވެ. އަދި މާލީ ބަޔާނުގައިވާ އަދަދުތަކާއި 'ވިޔަ މޮޑިއުލް' ގައިވާ އަދަދުތަކުގެ މެދުގައި ބޮޑެތި ތަފާތުތަކެއް ހުރުމުން، މާލީ ބަޔާނުގެ ސައްހަކަން ކަށަވަރު ނުކުރެވޭތީ އެ ބަޔާން ރިޕޯޓުގައި ހިމަނާފައެއް ނުވެ އެވެ.

މި މައްސަލަތައް އިސްލާހުކޮށް، ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ކައުންސިލަށް އިރުޝާދު ދެއްވާފަ އެވެ.