މާލެ ސަރަހައްދުން މިއަދު ކޮވިޑަށް ޕޮޒިޓިވްވި ރޭޓް ހަ ޕަސެންޓަށް ދަށްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޓެސްޓްކުރި 5,361 ސާމްޕަލްގެ ތެރެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 337 މީހުންނެވެ. އެއީ މާލެ ސަރައްހަދުން 101 މީހުންނާއި އަތޮޅުތަކުން 129 މީހުންނާއި ރިސޯޓުތަކުން 99 މީހުންނެވެ.

މާލެ ސަރައްދުގެ ޕޮޒިޓިވް ރޭޓް ހަ ޕަސެންޓަށް ދަށްވިއިރު 1،742 ސާމްޕަލް ޓެސްޓްކޮށްފައިވެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 97،668 އަށް އަރާފަ އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރު ވެގެން ގޮސްފައިވާއިރު މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފަ އެވެ.

އިއްޔެ މާލެ ސަރަހައްދު ކޮވިޑަށް ޕޮޒިޓިވްވި ރޭޓް ހުރީ ނުވަ ޕަސެންޓްގަ އެވެ. 1،032 ސާމްޕަލް އިންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،300 މީހުންނެވެ. މިހާތަނަށް 94،091 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 15 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިއަދާ ހަމައަށް 264 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.