އޯލާންޑޯ (10 ޑިސެމްބަރު) - އެމެރިކާގެ މަޝްހޫރު ޓީވީ ތަރި އަދި ކޮމޭޑިއަން ބޮބް ސެގަޓް އޯލާންޑޯ ހޮޓަލެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

މިއަދު މެންދުރު އޯލާންޑޯގައި ހުންނަ ރިޒު ކާލްޓަން ލަގްޒަރީ ހޮޓަލްގެ ކޮޓަރިއެއްގެ ތެރެއިން ހޭނެތިފައި އޮއްވާ ބޮބް ފެނުނުއިރު ރެސްކިއު ޓީމުން ވަނީ އޭނާ ފެނުނު އިރުވެސް އޮތީ މަރުވެފައި ކަމަށް ބުނެފަ އެވެ.

އުމުރުން 65 އަހަރުގެ ސެގަޓް މަރުވި ސަބަބެއް އަދި ޔަގީން ވެފައި ނުވާއިރު މިހާތަނަށް ޝައްކު ކުރެވޭ އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މިކަމުގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ވެސް އިދާރާތަކުން ބުނެ އެވެ.

ދާދިފަހުން ސެގަޓް ކޮމެޑީ ޓުއާއެއް ފަށާފައިވާއިރު އޭނާގެ އެންމެ ފަހުގެ ޝޯ އޮތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަ އެވެ. ޝޯ އަށްފަހު އޭނާ ވަނީ އެރޭގެ ޝޯވގެ ކާމިޔާބީއާ ބެހޭ ގޮތުން އިންސްޓަގްރާމްގައި ޕޯސްޓެއް ހިއްސާ ކޮށްފަ އެވެ.

މަޝްހޫރު ކޮމެޑީ ސީރީޒް ފުލް ހައުސްގެ ޓީވީ ޑޭޑްގެ ގޮތުގައި މަގުބޫލުކީަން ހޯދި ސެގަޓް ގިނަ ދިވެހިންނަށް އެނގޭނީ "ހައު އައި މެޓް ޔުއާ މަދާ" ސީރީޒް ނެރޭޓް ކޮށްދިން އަޑުގެ ވެރިޔާގެ ގޮތުގަ އެވެ.

ސެގަޓްގެ މަރާއެކު އޭނާގެ ކޯ ސްޓާރުންނާއި ފިލްމީ ދާއިރާގެ އެކުވެރިންގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް އަންނަނީ ހިތާމަ ފާޅުކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ. -- އަލް އަރަބިއްޔާ