ޑެނިމް ސްޓައިލް އަހަރުމެންގެ ތެރޭގައި މަޝްހޫރު ވެފައި ވަނީ ނޫކުލައިގެ ބޯ މެޓީރިއަލްއަކުން ފަހާފައި ހުންނަ ޖންސްގެ ގޮތުގަ އެވެ. 1800ގެ އަހަރުތަކުގައި އުފަންވި ޑެނިމް ސްޓައިލް ވަނީ އިސާހިތަކު މުޅި ދުނިޔެއަށް ފެތުރި ޒުވާނުންގެ ހިތް އަތުލާފަ އެވެ.

އަހަރުމެންގެ ރާއްޖެއަށް ބަލާލި ކަމަށް ވިޔަސް ޑެނިމް ސްޓައިލްއަކީ ވަރަށް ކުރީއްސުރެ ވެސް ހެދުން އެޅުމުގައި ދިވެހިން ބޭނުން ކުރަމުން އައި ސްޓައިލް އެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އެ ސްޓައިލް ވެގެން ދިޔައީ އެއާ ނުލައި އެ މީހުންގެ ވޯޑްރޯބު ފުރިހަމަ ނުވާ ސްޓައިލް އަކަށެވެ.

އެގޮތުން 1970 އާއި 80ގެ އަހަރުތަކުގައި ޑެނިމް ސްޓައިލްގެ ފައިކުރި ފުޅާ ޖީންސްތައް ވީ ދިވެހި ފިރިހެނުންގެ ތެރޭގައި އާއްމު ސްޓައިލަކަށެވެ. އިންޑިއާގެ ބޮލީވުޑް ތަރިންގެ ހެދުން އެޅުމުން "އިންސްޕައާ" ވެގެން ދިވެހިންވެސް ޑެނިމް ޖިންސްތަކަށް ދޯޅުވީ އެވެ.

ދެން އައީ 1990ގެ އަހަރުތަކެވެ. ދިވެހި ގިނަ އަންހެނުން ލައި އުޅުނު ޕާކިސްތާން ހެދުން ދޫކޮށް ޑެނިމްގެ ފައިކުރި ފުޅާ ޖިންސްތަކާއި ސްކާޓްތައް ދިވެހި އަންހެނުންގެ އަލަމާރިތަކުން ޖާގަ ހޯދަން ފެށީ އެ ދުވަސްވަރު އެވެ. އެއާއެކު ޑެނިމް ސްޓައިލް ބޭނުންކުރުމުގައި އޮތް ޖިންސުގެ ތަފާތު ކުރުންތައް ނިމި އެއީ ދެޖިންސުގެ ޒުވާނުންގެ ތެރޭގައި ވެސް އެންމެ މަގުބޫލް ހެދުންތައް ކަމުގައިވި އެވެ.

ދިވެހިންގެ ހެދުން އެޅުމުގައި ފިލްމީ ތަރިން ބޮޑު ދައުރެއް އަދާ ކޮށްފައިވޭވިހިވަނަ ގަރުނު ނިމި އެކާވީސް ވަނަ ގަރުނު ފެށިގެން ކުރިއަށް ދާއިރު ވެސް ޑެނިމް ސްޓައިލް އޮތީ ޑެނިމްގެ ގޮތުގަ އެވެ. އޭގެ މަގުބޫލް ކަމަކަށް، އޭގެ ފެޝަނަކަށް ކުޑަވެސް ބަދަލެއް ނާދެ އެވެ.

ބަދަލުވީ ޑެނިމް ބޭނުންކުރަމުން އައިގޮތެވެ. އޭގެ ސްޓައިލެވެ. ހަމައެކަނި ނޫ ޖިންސާއި ސްކާޓްގެ ގޮތުގައި ޑެނިމް ބޭނުންކުރި ޒަމާން ހިނގައްޖެ އެވެ. މިއަދުގެ ޒުވާނުން ޑެނިމް ބޭނުންކުރަނީ އެއަށްވުރެ މާ ފުޅާ ކޮށެވެ.

ޑެނިމް ގަމީހާއި، ޖެކެޓާއި، ޖަމްޕްސޫޓްގެ އިތުރުން ފުލް ލެންތު ހެދުންތަކަކީވެސް މިއަދު ޑެނިމް ފެޝަން އަހަރުމެންގެ ތެރޭގައި ފެންނަ ގޮތްތަކެވެ. އަންނައުނުގެ އިތުރުން އަތްދަބަހާއި ބޫޓާއި އަތުގައި އަޅާ އަތުކުރީ ގަޑީގެ ކަމަރަށް ދަންދެން އެކި ގޮތްތޮތަށް މިއަދު ޑެނިމް އަންނަނީ ބޭނުން ކުރެވެމުންނެވެ.

ކޮންމެއަކަސް ޑެނިމް ފެޝަން ވެފައިވަނީ އަހަރުމެން ދިވެހިން ފޫހި ނުވި އެއްޗަކަށެވެ. ޒަމާނާއެކު އެހެން ފެޝަންތަކުގެ އިރު އޮއްސި ވުޖޫދުން ވެސް ފޮހެވިފައިވާއިރު، ޑެނިމް ފެޝަން އަދިވެސް އަންނަނީ ދިވެހި ޒުވާނުންގެ ހިތްތަކުގައި ރަސްކަން ކުރަމުންނެވެ. އެފަދަ ދެވަނަ އެއް ނެތް ގޮތުގަ އެވެ.