ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވިތާ 24 ގަޑިއިރު ނުވަނީސް އެ ޔުނިޓުގެ ވެރިޔާ ބަދަލުކޮށްފި އެވެ.
އަޝްރަފް މަގާމުން ބަދަލުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އޭނާއާ ގުޅުން އޮންނަ އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫއިން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުވެފަ އެވެ.
އާންމުވެފައިވާ ރިޕޯޓުގައި އެމްއެމްއޭގެ އެފްއައިޔޫއަށް ފާހަގަވި ބައެއް މުއާމަލާތްތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރިން 13 ނޮވެމްބަރު 2023ގައި ސިވެކަށް 23 މިލިއަން ރުފިޔާ ދެއްކި ކަމަށާއި އަދި އެއީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހަރަދުކުރުމަށެވެ.
އޭގެ ތެރެއިން 13 މިލިއަން ރުފިޔާ ސިވެކުން ޖަމާކުރީ އޮފިޝަލް އިވެންޓްސްއަށް ކަމަށާއި ހަމަ އެ އިވެންޓާ ގުޅުވައިގެން ސިވެކުން ޑީކިއު ހޯލްޑިންސްއަށް 4.2 މިލިއަން ރުފިޔާ އަދި ކުއިކް ޝުއާއަށް 2.3 މިލިއަން ރުފިޔާ ޖަމާކުރި ކަން ވަނީ ހާމަވެފަ އެވެ،
އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލް، ވެމްކޯ، އެޗުޑީސީ، އެމްއޭސީއެލް އަދި އެސްޓީއޯއިން ވެސް ބޮޑެތި އަދަދުތަކުން އޮފިޝަލް އިވެންޓްސްއަށް ފައިސާ ލިބިފައިވާ ކަމަށް އާންމުވެފައިވާ ރިޕޯޓުން ދައްކަ އެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.
އެފްއައިޔޫގެ ރިޕޯޓުތައް ދޭތެރެދޭތެރެއިން ލީކުވި ނަމަވެސް މިހާތަނަށް މިފަދަ މައްސަލަތަކުގައި އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ދައުލަތުގެ އިދާރާތަކުން އަޅާފައި ނުވެ އެވެ.
ސޯޝަލް މީޑިއާގައި 24 ގަނޑުގެ މި ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުންނެވެ.
އެ ރިޕޯޓު ލީކުވުމުން ޝުޖާއު ވިދާޅުވި ގޮތުގައި އޭނާއަށް އެ ކަމުގެ މައުލޫމާތު އެއްވެސް އިދާރާއަކުން ހިއްސާކޮށްފައި ނުވާތީ އެއީ އަސްލެއް ނުވަތަ ފޭކެއް ކަން ދަންނަވަން ނޭނގެ އެވެ.