ކޮފީއަކީ މީހުންގެ ތެރޭގައި ވަރަށް މަގުބޫލު ބުއިމެކެވެ. ކޮފީ މީރުކޮށް ބުއިމަށް ތަފާތު އެކި އެއްޗިހި ކޮފީ ގިރާއިރު އެއްކުރެ އެވެ. ހަކުރާއި ކިރަކީ ކޮފީ މީރުކުރުމަށް މީހުން ކޮފީ ގިރާއިރު ބޭނުންކުރާ އެއްޗިއްސެވެ.

ކިރާއި ހަކުރުގެ ބަދަލުގައި ކޮފީއަށް ބަޓަރު އަޅައިގެން ބުއިމުން ކޮފީގެ ރަހަ މީރުވުމުގެ އިތުރަށް ކޮފީގެ އަސަރު ބޮޑުވެފައި ދުވަސް ތާޒާވާކަމަށް، ކޮފީ ބަޓަރާއެކު ތަޖުރިބާ ކުރި ފަރާތްތަކުން ބުނެ އެވެ.

ވަގުތު ސަލާމަތް ކޮށްދޭ

ބައެއް މީހުންނަކީ ދިރިއުޅުމުގައި ވަރަށް ބުރަކޮށް އުޅޭ ބައެކެވެ. ހެނދުނު ސައިބޮއިގެން ވަޒީފާއަށް ދާނެ ވަގުތެއް ވެސް ނުލިބެ އެވެ. އެފަދަ މީހުންނަށް ކޮފީތައްޓަށް ދެ ސައިސަމުސާ ބަޓަރު އަޅައިގެން ބުއިމުން އެއީ އެއްގަޑީގެ ކެއުމާއި އެއްވަރުގެ ބުއިމަކަށްވެ އެވެ. އެ ކޮފީތަށިން ހަށިގަނޑަށް ބޭނުންވާ ކެލޮރީސް އަދި ފެޓްސް ލިބޭނެ އެވެ. އަދި ދުވަހުގެ މަސައްކަތް ކުރުމަށް އިތުރު ބާރަކަށް ވެގެން ދާނެ އެވެ.

ބަރުދަން ލުއި ކޮށްދޭ

ޔަގީނުންވެސް މިއީ ގަބޫލުކުރަން ދަތި ވާހަކައަކަށް ވާނެ އެވެ. ޔަގީނުން ވެސް ބަޓަރަކީ އޭގައި ގިނަ އަދަދެއްގެ ފެޓްސް އާއި ކެލޮރީސް އެކުލެވޭ އެއްޗެކެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު ކޮފީއަށް ބަޓަރު އަޅައިގެން ބޯނަމަ ހަށިގަނޑު އެ ފެޓްސްއަށް އާދަވާނެ އެވެ. އަދި ބަރުދަން އިތުރުވުމުގެ ބަދަލުގައި އެއީ ކޮންމެ ދުވަހަކު ހަށިގަނޑަށް ބޭނުންވާ ފެޓްސްއަށް ވެގެންދާނެ އެވެ. ހާއްސަކޮށް ގްރާސް ފެޑް ބަޓަރަކީ ބަރުދަން ލުއިވާ ބަޓަރެއްކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ވިސްނުން ތޫނު ކޮށްދޭ

ހަމަޔަގީނުން ވެސް ކޮފީއަށް ބަޓަރު އަޅައިގެން ބުއިމުން ހަށިގަނޑަށް ބޭނުންވާ ފެޓްސް ލިއްބައިދެ އެވެ. އޭގެ އިތުރުން ސިނކުނޑީގެ ވިސްނުން ތާޒާކޮށްދޭ "ހެލްދީ ފެޓްސް" ބަޓަރު ކޮފީން ލިއްބައިދެ އެވެ. އޭގެ ސަބަބުން ވިސްނުން ތޫނުވެ ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދެ އެެވެ.