އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފި އެވެ. މަހްލޫފަށް ދައުވާކުރަނީ އެމްއެމްޕީއާރުސީގެ ފައިސާ އިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ހިފިކަމުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން މަހްލޫފް ރިޝްވަތު ހިފާފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް، ވޯޓުދިނުމުގެ މުގާބިލްގައި ކަމަށެވެ. އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން އޮގަސްޓް 27، 2014 ގައި މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށް ކަމާއި، ރައްޔިތުންގެ މަޖިލީހުގައި އޭނާ އެ ބިލަށް ވޯޓު ދީފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށް ކަމާއި، އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު ކުރީގެ ނައިބު އަހުމަދު އަދީބު އާއި މަހުލޫފް އާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާއަކީ، އަދީބު، މަހުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް އޭސީސީން ވެސް ބުނެފައިވެ އެވެ.

ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން ހިންގާފައިވާ ޖޮއިންޓް ތަހުގީގުން ހޯދުނު ހެކިތަކުގެ މައްޗަށް ބުރަވެ ޕްރޮސިކިއުޓަ ޖެނެރަލް އެ މައްސަލައިގައި ދައުވާކުރަން ކޯޓަށް ހުށައަޅާ މާދަމާ މަހްލޫފުގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވާއިރު ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވަރަށް ގިނަ ވާހަކަފުޅު ދެއްކެވި އަދި މިހާރުވެސް ގެންގުޅުއްވަނީ އެ ސިޔާސަތުތައް ކަަމަށް ވިދާޅުވަމުން ގެންދަވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަދި މަހުލޫފުގެ ޝަރީއަތުގެ ހިލަމެއް ނުވެ އެވެ.

މިމައްސަލައިގައި މަހްލޫފް ކުރިން ސަޕެންޑްކުރި ނަމަވެސް ފަހުން ސަސްޕެންޝަން އުވާލީ އެވެ. ސަސްޕެންޝަން އުވާލީ އުސޫލަށް ގެނެވުނު ބަދަލު ތަކުގެ ސަބަބުންނެވެ. ސަރުކާރުން ކުރިން ގެންގުޅުނު އުސޫލަކީ ހިޔާނާތުގެ ތުހުމަތު ކުރެވޭ ނަމަ އެ މީހަކު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމެވެ. މި އުސޫލު ދެ ވަނަ ފަހަރަށް ބަދަލުކުރީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ގޮތެއް ނިމުމުން ފިޔަވަޅު އަޅާ ގޮތަށެވެ.

ނަމަވެސް ޕީޖީއިން މަހްލޫފްގެ މައްޗަށް ދައުވާކުރުމުންވެސް އަދިވެސް މަހްލޫފު އެހުންނެވީ މަގާމުގަ އެވެ. އިހަށް ދުވަހު ވެސް ހުންނެވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކެމްޕެއިން ކުރައްވަން އެ ދާއިރާގަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާ އުފުލައިފި ނަމަ "ދައުލަތް އޮރިޔާން" ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ކުރައްވާކަށް މަހްލޫފަށް ކެރިވަޑައެއް ނުގަތެވެ.

ޕީޖީގެ ޗެޓްލޮގްތަކެއް އާއްމު ކުރައްވާ ވިދާޅުވީ އޭނާއާ ވަރަށް ބޮޑަށް ޒާތީވެފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ސިޔާސީ ގޮތުން "ކަތިލި ކަންބަޅިއަކަށް" އޭނާ ހެއްދެވީ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަންވެސް ބަދަލު ކުރެއްވީ މުއައްސަސާތަކުން ޒާތީވެފައިވާ ކަަމަށް ވިދާޅުވަމުންނެވެ.

މަހުލޫފަކީ ރައީސް ސޯލިހުގެ ކެބިނެޓްގެ ވަޒީރެކެވެ. ވައްކަމާ ކޮރަޕްޝަންގެ މައްސަލަތަކަށް ޒީރޯ ޓޮލަރެންސް ސިޔާސަތު ގެންގުޅުއްވާ ސަރުކާރުން، ވަޒީރު ބޭފުޅަކަށް މިފަދަ ބޮޑު ތުހުމަތުކުރެވި އެ މައްސަލައިގެ ޝަރީއަތް ފެށޭއިރު މަގާމުގެ ހުރިހާ މަސްއޫލިއްޔަތުތަކާ ވާޖިބުތައް އެންމެ ފުރިހަމައަށް އަދާކުރެވޭ ގޮތަށް ބަހައްޓާފައި ހުންނަނީ ކީއްވެގެންތޯ ގިނަ ބަޔަކުދަނީ ސުވާލު އުފައްދަމުންނެވެ.

އުސޫލުތައް ބަދަލުކޮށްގެން މަހުލޫފް ވަޒީރުކަމުގައި ބަހައްޓާ އަދި މިދަނޑިވަޅު އެންމެ މި ސަރުކާރަށް އެންމެ މުހިއްމު ވެފައިވާ ބައި އިލެކްޝަންގެ ކަންކަމުގައި ވެސް އިސްދައުރެއް އަދާކުރަމުން ގެންދާއިރު، ރައީސް ސޯލިހަށް ކުރިމަތިވެފައިވަނީ ކޮންކަހަަލަ މަޖުބޫރީ ހާލަތެއްތޯ ސުވާލު އުފެދެ އެވެ. މިކަމުގައި އަދި އެމަނިކުފާނަށް ހިލަމެއް ވާވަރު ނުވަނީ ކަމަށް ވެސް ވެދާނެ އެވެ.