ތެހްރާން (18 ޖެނުއަރީ) - އީރާނުން ވާގިވެރިވާ ހޫތީން ޔޫއޭއީގެ އަބޫދާބީއަށް ހަމަލާ ދިން މައްސަލާގައި އެ ޖަމާއަތާ ދެކޮޅަށް އަސްކަރީ ހަމަލާއެއް ދިނުމަކީ ހައްލެއް ނޫން ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުން ހޫތީން ދިފާއުކޮށް ބަޔާނެއް ނެރެފައި މިވަނީ ޔަމަނުގައި ހޫތީންގެ ހަރަކާތްތައް ހުއްޓުވުމަށް އަރަބި ކޯލިޝަނުން އަޅަމުން އައި ފިޔަވަޅުތަކަށް ބަދަލު ހިފުމުގެ ގޮތުން ޔޫއޭއީގެ އަބޫދާބީއަށް ހޫތީން ޑްރޯން ހަމަލާއެއް ދިން ދަނޑިވަޅެއްގަ އެވެ.

"އަސްކަރީ ގޮތުން ފިޔަވަޅު އެޅުމަކީ މިކަމަށް އޮތް ހައްލެއް ނޫން. އެފަދަ ފިޔަަވަޅަކުން ސަރަހައްދުގެ މަޝްރަހު އިތުރަށް ގޯސްވުން އެކަށީގެންވޭ،" އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސައީދު ޚާތިބުޒާދާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އީރާނަކީ ސަރަހައްދީ ސުލްހައަށް އަބަދުވެސް އިސްކަންދޭ ގައުމެއް ކަމަށާއި ސަރަހައްދީ މަޝްރަހަށް ބުރޫ އަރާނެ ފަދަ އެއްވެސް ކަމަކަށް އެ ގައުމުން ހިތްވަރު ނުދޭނެ ކަމަށެވެ.

ހޯމަ ދުވަހު އަބޫދާބީއަށް ދިން ހަމަލާގައި ތިން މީހަކު މަރުވެ އިތުރު ނުވަ މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ހަމަލާގެ ޒިންމާ ނަގަމުން ހޫތީން ބުނީ އެ ޖަމާއަތުގެ އޮޕަރޭޝަންއެއް ކާމިޔާބު ކަމާއެކު ޔޫއޭއީގައި ނިންމާލެވިފައިވާ ކަމަށެވެ.

އީރާނަކީ އެންމެ ކުރީއްސުރެ ވެސް ހޫތީންނަށް މާލީ އަދި އަސްކަރީ ގޮތުން ވެސް އެއްބާރުލުން ދީ އެ ޖަމާއަތަށް ވާގިވެރިވާ ގައުމެކެވެ. -- އަލް އަރަބިއްޔާ