އިތުރު ސްޓޭޓްތަކެއް ކާމިޔާބުކޮށް، 264 އިލެކްޓޯރަލް ވޯޓާއެކު ޑިމޮކްރެޓިކް ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑެން ރިޔާސީ އިންތިހާބު ނިމުމަކާ ކައިރިކޮށްފި އެވެ.

އަންގާރަ ދުވަހު އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ބައިޑެން ދެން ބޭނުންފުޅު ވާނީ އެންމެ ހަ އިލެކްޓޯރަލް ވޯޓެވެ.

ރައީސް ޑޮނަލް ޓްރަމްޕަށް މި އިންތިހާބުގައި މިހާތަނަށް ލިބިވަޑައިގެންނެވީ 214 އިލެކްޓޯރަލް ވޯޓެވެ.

މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ނަތީޖާ އިއުލާންނުކޮށް އޮތީ ބާކީ ފަސް ސްޓޭޓެކެވެ. އެއީ ޕެންސިލްވޭނިއާ، ނެވާޑާ، އެލަސްކާ، ޖޯޖިއާ އަދި ނޯތު ކެރޮލައިނާ އެވެ. މީގެ ތެރެއިން ނެވާޑާ ފިޔަވައި އެހެން ހުރިހާ ސްޓޭޓްތަކެއްގެ ކުރީގައި އުޅުއްވަނީ ރައީސް ޓްރަމްޕެވެ. ނަމަވެސް ނެވާޑާ ކާމިޔާބުކުރުމާއެކު ބައިޑެންއަށް އިންތިހާބު ކާމިޔާބުކުރެއްވޭނެ އެވެ.

ނެވާޑާގެ ނަތީޖާ ދައްކާ ގޮތުން 588،252 ވޯޓު ބައިޑެން ހޯއްދަވައިފައިވެ އެވެ. މިއީ 49.3 ޕަސެންޓް ވޯޓެވެ.

ޕޮޕިއުލާ ވޯޓު ދައްކާ ގޮތުން ބައިޑެން ވަނީ މިހާތަނަށް 71,665,646 މިލިއަން ވޯޓު ހޯއްދަވައިފަ އެވެ. މިއީ 50.4 ޕަސެންޓް ވޯޓެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 68,338,087 މިލިއަން ވޯޓެވެ. މިއީ 48 ޕަސެންޓެވެ.