ދިމިޝްގު (21 ޖެނުއަރީ) - ސީރިއާގެ އިރުއުތުރު އަވަށެއްގައި ހިންގަމުން އަންނަ ޖަލަކަށް އައިސިސްއިން ހަަމަލާދީ އެޖަމާއަތަށް ނިސްބަތްވާ ހަނގުރާމައިގެ ގައިދީން ފިލަން މަގުފަހި ކޮށްދީފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އައިސިސްގެ ހަނގުރާމަވެރިން ޖަލަށް ވަދެގަނެފައިވަނީ ދެ ގޮވުމެއް ގޮއްވާލައި ކުރްދިޝް ސެކިއުރިޓީ އޮފިސަރުންނަށް ހަމަލާ ދިނުމަށް ފަހުގަ އެވެ. އެގޮތުން ފުރަތަމަ ގޮވުން ޖަލުގެ ގޭޓު ކައިރީގައި ގޮއްވާލި އިރު ދެވަނަ ގޮވުން ވެސް ގޮވާފައިވަނީ މާ ދުރު ނޫން ހިސާބަކުންނެވެ.
"މި ހަމަލާއާއެކު ގިނަ އަދަދެއްގެ ގައިދީންތަކެއް ވަނީ ފިލާފައި،" ސީރިއާގެ މަޝްރަހު ބަލަހައްޓާ ހިއުމަން ރައިޓްސް އޮބްޒާވެޓަރީއިން ބުންޏެވެ. ނަމަވެސް ފިލާފައިވާ ގައިދީންގެ ސީދާ އަދަދު އިދާރާތަކުން ހާމަ ކޮށްފައެއް ނުވެ އެވެ.
އޮބްޒާވެޓަރީއިން އިތުރަށް ބުނީ ޖަލުގެ ސަރަހައްދުގައި ގޮވި ގޮވުންތަކުގެ ކުރިން އައިސިސްއަށް ނިސްބަތްވާ ކަމަށް ބެލެވޭ ވައިގެ އުޅަނދެއް އެސަރަހައްދުގައި ހަރަކާތްތެރި ވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ގްވާރްޔަން ޖަލަކީ ސީރިއާ ހަނގުރާމައިގައި ހައްޔަރު ކުރެވޭ އައިސިސްގެ ހަނގުރާމަވެރިން ބައިތިއްބާ އެންމެ ބޮޑު ޖަލަށް ވާއިރު މި ޖަލަަށް ހަމަލާއެއް ދިންކަން ކުރްދިޝްގެ ޑިމޮކްރެޓިކް ސެކިއުރިޓީ ބާރުތަކުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
2014 ވަނަ އަހަރުން ފެށިގެން ސީރިއާގައި އައިސިސްއިން ހަރަކާތްތައް ފުޅާ ކޮށްފައިވާއިރު ސީރިއާއާއި އިރާގުގެ ސަލާމަތީ ބާރުތައް ގުޅިގެން ދަނީ މި ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. -- އަލް އަރަބިއްޔާ