ރިޔާސީ އިންތިހާބުގެ ނަތީޖާއާމެދު ހިތްހަމަނުޖެހިގެން ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕްގެ ސަޕޯޓަރުން ވޯޓުލާ މަރުކަޒުތައް ދޮށަށް އެއްވާން ފަށައިފި އެވެ.

އެރިޒޯނާ ސްޓޭޓްގެ ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕް ނިންމެވުމާ ގުޅިގެން އެ ސްޓޭޓްގެ ފީނިކްސްގެ ވޯޓު ގުނާ މަރުކަޒާ ދިމާލަށް ސަޕޯޓަރުން ދަނީ ޖަމާވަމުންނެވެ. އަދި އެ ތަނަށް ޖަމާވި މީހުން ދަނީ "އަހަރެމެން ޓްރަމްޕް ދެކެ ލޯބިވޭ" އަދި "ވޯޓު ވަގަށް ނެގުން ހުއްޓާލާ" ގޮވައި ހަޅޭލަވަމުންނެވެ.

މީގެ އިތުރުން މިޝިގަންގެ ވޯޓު ގުނާ މަރުކަޒު ދޮށަށް ވެސް ޓްރަމްޕްގެ ސަޕޯޓަރުން އެއްވެ ދަނީ ވޯޓު ގުނުން ހުއްޓުވަން މަސައްކަތްކުރަމުންނެވެ.

ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕް ބޭނުންވިޔަސް، އެކަން އެއްވެސް ސްޓޭޓަކުން މެދުކަނޑައެއްނުލަ އެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ބުނާ ގޮތުގައި ޑިމޮކްރެޓިކް ޕާޓީން އެރިޒޯނާ ކާމިޔާބުކުރެވުނީ ހަތަރު އަހަރު ފަހުންނެވެ.

ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕް ހުށަހަޅުއްވަން ނިންމާފައި ވަނީ މިޝިގަން އާއި ޕެންސިލްވޭނިއާގެ ވޯޓެވެ. މީގެ ތެރެއިން ޕެންސިލްވޭނިއާގެ ވޯޓުގެ ކުރީގައި ޓްރަމްޕް އުޅުއްވާއިރު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން ވަނީ މިޝިގަން ކާމިޔާބު ކުރައްވައިފަ އެވެ.

އަންގާރަ ދުވަހު ބޭއްވި އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން ވަނީ 264 އިލެކްޓޯރަލް ވޯޓު ކާމިޔާބުކޮށްފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 214 އިލެކްޓޯރަލް ވޯޓެވެ. މި އިންތިހާބު ކާމިޔާބުކުރަން 270 އިލެކްޓޯރަލް ވޯޓު ބޭނުންވެ އެވެ.