ދާރުއް ސަލާމް (22 ޖެނުއަރީ) - ހަމަހުން ހަމަހުން ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒްގެ ބަދަލުގައި އަހަރަކު އެއްފަހަރު ވެކްސިން ޖެހުން މާ ރަނގަޅު ވާނެ ކަމަށް ކޮވިޑް ވެކްސިން އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ފައިޒާގެ ސީއީއޯ އެލްބާޓް ބުއޯލާ ވިދާޅުވެއްޖެ އެވެ.

އިޒްރޭލުގެ އެން12 ޓީވީއަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ގަވާއިދުން ކޮންމެ ހަތަރެއް ނުވަތަ ފަސް މަހުން ބޫސްޓާ ޑޯޒް ޖެހުމަށްވުރެ އެންމެ އަސަރު ކުރާނީ އަހަރަކު އެއްފަހަރު ވެކްސިން ޖެހުމުން ކަމަށެވެ.

"ބޫސްޓާއަކީ ހައްލެއް ނޫން. ކޮންމެ އަހަރަކު އެއްފަހަރު ޖަހަން ޖެހޭ ކޮވިޑް ވެކްސިންއެއް ތައާރަފު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން،" އެލްބާޓް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަހަރަކު އެއްފަހަރު ވެކްސިން ޖެހުމަކީ އާއްމުންނަށް ވެސް ފަސޭހަ ގޮތެއް ކަމަށާއި އެހެން ކަމުން އާއްމު ސިއްހަތަށް ބަލާއިރު ވެސް އަހަރަކު އެއްފަހަރު ވެކްސިން ޖެހުން މާ ރަނގަޅު ކަމަށެވެ.

ފައިޒާއިން އަލަށް ތައާރަފްކުރަން މަސައްކަތް ކުރާ ވެކްސިންއަކީ އޮމިކްރޯންގެ އިތުރުން ކޮވިޑްގެ އެހެން ވޭރިއަންޓްތަކުން ވެސް ރައްކާތެރިކަން ލިބޭނެ ވެކްސިނަކަށް ވާނެ ކަމަށް އެލްބާާޓް ވިދާޅުވި އެވެ.

ފައިޒާ ވެކްސިންއަކީ ކޮވިޑް 19ން ރައްކާތެރިކޮށްދޭ ޕަސެންޓް އެންމެ މަތީގައި އުޅޭ އެއް ވެކްސިން އެވެ. އޮމިކްރޯން ވޭރިއަންޓާއެކު ގިނަ ގައުމުތަކަކުން ވަނީ ބޫސްޓާ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިން ދޭން ފަށާފަ އެވެ. -- ދަ ސްޓްރެއިޓް ޓައިމްސް