ކޮންމެ މީހަކީ ވެސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން އަނދިރި ދުވަސްތަކެއް ތަޖުރިބާ ކޮށްފައިވާނެ މީހެކެވެ. ބައެއް މީހުން މި ދުވަސްތަކުން ކާމިޔާބު ކަމާއެކު އަރައިގަންނަ އިރު އަނެއްބަޔަކު ލިބުނު ހިތާމައިގައި އަމިއްލަ ނަފްސު ގެއްލުވާލަ އެވެ.
ތިބާއަކީ މިފަދަ ދުވަސްތަކެއް ތަހައްމަލް ކުރަމުންދާ ފަރާތެއް ނަމަ ނުވަތަ އެފަދަ ފަރާތެއް އެނގޭ މީހެއް ނަމަ އަމިއްލަ ނަފްސަށާއި އަނެކާއަށް މިކަންކަން ހަނދުމަ ކޮށްދޭށެވެ.
އެއްވެސް ކަމަކީ ދާއިމަށް ދެމިގެންދާނެ ކަމެއް ނޫން
ކަޅު އަނދިރި ވާރޭ ވިލާގަނޑަކަށްފަހު އަލި ވިލެ އެވެ. ރޭގަނޑުގެ ކަޅުފޮއި އަނދިރިކަމަށް ފަހު އާ ދުވަހަކަށް އިރު އަރަ އެވެ. ހަމަ އެފަދައިން ތިބާގެ ހިތާމައަކީ ވެސް އަބަދަށް ދެމިގެން ދާނެ ކަމެއް ނޫނެވެ.
ތިބާއަކީ އެކަނިވެރި މީހެއް ނޫން
ވަކި މީހަކު ތިބާގެ ހަޔާތުން ދުރަށް ގޮސްފިނަމަ ތިބާއަކީ އެކަނިވެރި މީހެއް ކަމުގެ އިހްސާސް ކުރުވާނެ އެވެ. ނަމަވެސް ހަގީގަތަކީ ތިބާއަށް އަޅާލާ ތިބާދެކެ ލޯބިވާ އެތައް ބަޔަކު ތިބާގެ ވަށައިގެން ތިބި ކަމެވެ.
ހުރިހާ ކަމަކީ ތިބާގެ ކުށެއް ނޫން
ތިބާގެ ހަޔާތުގައި ދިމާވާ ހުރިހާ ހިތާމައާއި މުސީބާތަކީ ތިބާގެ ކުށުން ވާ ކަންކަން ކަމުގައި ހީވެދާނެ އެވެ. އަމިއްލަ ބާރު ފޯރުވެން ނެތް ކަންކަމުގައި އަމިއްލަ ނަފްސަށް ތުހުމަތު ކުރުން ހުއްޓާލާށެވެ. އަމިއްލަ ނަފްސަށް މައާފު ކުރާށެވެ.
މޫނު އަނބުރާލުމަކީ ހައްލެއް ނޫން
ވަޒީފާގެ މާހައުލުގައި ނުވަތަ އާއިލާ ތެރޭގައި ވިޔަސް އުނދަގޫ ހާލަތެއް މެދުވެރިވާ ކޮންމެ ފަހަރަކު ރުޅި އައުމަކީ ނުވަތަ ހިތްވަރު އެލުވާލުމަކީ ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި ކެރިގެން އެކަމާ ކުރިމަތިލާށެވެ.
ކޮންމެ ކަަމަކީ ވެސް ތަގުދީރުގެ ނިޔާ
ތިބާގެ ހަޔާތުގައި ދިމާވާ ކޮންމެ ކަމަކީ ވެސް ހެއްދެވި ފަރާތުން ތިބާއަށް ކުރިމަތި ކުރުވާ އިމްތިހާނެކެވެ. އެނަފްސަކަށް ކެތް ނުކުރެވޭ ވަރަށް އެކަލާނގެ އެއްވެސް މުސީބާތެއް ނުޖައްސަވަ އެވެ. އެހެންކަމުން ކެތްތެރިކަމާއެކު އިމްތިހާނުގައި ކުރިއަށް ދާށެވެ.
އަމިއްލަ ނަފްސާމެދު ފަޚްރުވެރިވޭ
ތިބާއަށް މިހާ ހިސާބަށް އާދެވުނީ ވެސް ގިނަ އުނދަގޫ މަރުހަލާތަކެއް ކަޑައްތު ކުރުމަށްފަހުގަ އެވެ. ލިބިފައިވާ ކުދިކުދި ކާމިޔާބީތައް ފާހަގަކޮށް އަމިއްލަ ނަފްސަށް ސާބަސް ދޭށެވެ.
މާޒީއެއް އަނބުރާ ނުގެނެވޭނެ
ކިތަންމެ ވަރަކަށް ފަސް އެނބުރި ބެލި ކަމުގައި ވިޔަސް ފާއިތުވެ ދިޔަ ވަގުތެއް އަލުން އަނބުރާ ނުލިބޭނެ އެވެ. އަހަރުމެންނަށް ކުރެވެން އޮތްހާ ވެސް ކަމަކީ އެ މާޒީއިން ފިލާވަޅު ލިބިގަނެ މުސްތަގުބަލަށް މަސައްކަތް ކުރުމެވެ.
ކޮންމެ ކަމަކަށް ވެސް ވަގުތު ނަގާނެ
ލިބުނު ހިތާމައިން އަރައިގަންނަން އަމިއްލަ ނަފްސަށް ވަގުތު ދޭށެވެ. މާ އަވަހަށް ކުރިއަށް ދާން އުޅެފި ނަމަ ނުރަނގަޅު މަގެއް އިޚުތިޔާރު ކުރެވިދާނެ އެވެ. ކޮންމެ ފިޔަވަޅެއް ވެސް ހަމަޖެހިގެން ދެކޮޅު ބަލާފައި ނޫނީ ނާޅާށެވެ. ވަގުތު ހޭދަ ވިޔަސްމެ އެވެ.
މާދަމާ މިއީ އިބްރަތަކަށް ވާނެ
މުސްތަގުބަލުގެ ކޮންމެވެސް ހިސާބަކުން އަމިއްލަ ހަޔާތާމެދު ވިސްނާލާއިރު މިއަދުގެ މި ހާލަތުން އަރައިގަންނަން ކުރެވުނު މަސައްކަތަކީ އިބްރަތަކަށްވެ އެކަމާމެދު ތިބާ ފަޚްރުވެރިވާނެ އެވެ.