އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ، ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ވަޒީފާތަކަށް މީހުން ނަގާނީ ހަމައެކަނި ޕީޕީއެމް މެންބަރުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީން މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީއަށް ތާއީދު ހޯދުމުގެ ގޮތުން މާލޭގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން، ސިޔާސީ ކަންކަމުގައި ކަންތައްތައް ކުރަންވާ ގޮތް އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދީފައިވާ ކަމަށެވެ. ވެރިކަން ލިބުމުން ޕާޓީ މެންބަރުންނަށް ވަޒީފާ މިސަރުކާރުން ދީފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ 2023 ވަނަ އަހަރު ވެރިކަން ލިބިއްޖެ ނަމަ އެކި ރަށްރަށުގައި ހިންގާ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތައް ކަމަށް ވިޔަސް، އަދި މުއައްސަސާތަކުގެ ވަޒީފާ ކަމަށްވިޔަސް ނަގާނީ ޕީޕީއެމް މެންބަރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޕީޕީއެމްގެ ސަރުކާރެއްގައި އެހެން ބަޔަކަށް ޖާގައެއް ނެތްކަން ފާހަގަ ކުރައްވަމުން ޔާމީން ވިދާޅުވީ ވަޒީފާ އަށް މީހުން ނެގުމުގައި އިސްކަން ދެއްވާނީ މިހާރު ޕީޕީއެމްގައި މަސައްކަތް ކުރައްވާ ބޭފުޅުނަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ މިހާރު ވަޒީފާތަކުގައި ތިބި އެ ޕާޓީގެ މެމްބަރުންގެ ތެރެއިން މީހަކު ވަޒީފާ ގެއްލުނު ނަމަވެސް ދެން އަންނަ ޕީޕީއެމްގެ ސަރުކާރެއްގައި އެމީހުންގެ ވަޒީފާ އަލުން އިއާދަކޮށް ދެއްވާނެ ކަމަށެވެ.

މިކެމްޕޭން ޖަލްސާގައި ރައީސް ޔާމީން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ފޯކައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ދެއްކި ވާހަކަ ދައްކަށް ރައްދު ދެއްވާފަ އެވެ.

އާސަންދަ ލިބޭނީ ސަރުކާރުގެ ކެންޑިޑޭޓަށް ވޯޓު ދީގެން ކަމަށް ދޭހަވާ މޭރުމަކުން ގާސިމް ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވަނީ މީހުންނަށް އެހީވާން ޖެހެނީ ޕާޓީގެ ކުލައަށް ބަލާފައިތޯ ސުވާލު ކުރައްވައިފަ އެވެ.

"އެއީ ގާސިމް އިބްރާހިމްގެ ފައިސާއެއް ނޫން، ރައީސް ޔާމީންގެ ފައިސާއެއް ވެސް ނޫން. އެއީ ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ ފައިސާ ބަހާއިރު އެކަން އޮންނަން ވާނީ އުސޫލެއްގެ މަތިން. އެހެންވީމަ އާސަންދައިގެ އެހީ ލިބެން ވާނެ. މަރޮށީގައި ހުންނަ ޕީޕީއެމް މީހާއަށް ވެސް ލިބެން ވާނެ. ފޯކައިދޫގައި ހުންނަ އަދާލަތު ޕާޓީގެ މީހާ އަށް ލިބެން ވާނެ. ކޮމަންޑޫގައި ޕާޓީއަކަށް ނުވަދެ ހުންނަ މީހާ އަށް ވެސް އާސަންދައިގެ އެހީ ލިބެން ވާނެ،" ޔާމީން ވިދާޅުވި އެވެ.