ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެރިކަމަށް އައީ ޝަރުއީ ދާއިރާ އިސްލާހުކުރުން ކަމަށާއި އެހެން ނަމަވެސް ފެނިގެންދަނީ އެހެން މަންޒަރެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕޭނުގައި ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި އިތުރަށް ޑރ. ޖަމީލް ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އިންސާފުގެ ނިޒާމް އިސްލާހުކުރާނެ ކަމަށް ބުނި ނަމަވެސް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮތީ ސަރުކާރުން ހިންގާ މައި ޕާޓީ، އެމްޑީޕީގެ އަތްދަށުގައި ކަފުންކޮށްފައި ކަމަށެވެ.

ޕީޕީއެމްގެ މަޖިލިސް މެންބަރުން ޖޭއެސްސީ އިސްލާހު ކުރަން އެތައް ފަހަރަކު މަޖިލީހަށް ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކޮންމެ ފަހަރަކު އެކަން ހުއްޓުވާ ކަމަށް ވެސް ޑރ. ޖަމީލު ފާހަގަ ކުރެއްވި އެވެ.

ޑރ. ޖަމީލް ވިދާޅުވިގޮތުގައި ރައީސް ނަޝީދު އެކަން އެ ކުރައްވަނީ ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް އަތް ބޭނުމަށެވެ.

"ތިބޭފުޅުން އައްސަވަން ވާނެ ކޮން މެޖޯރިޓީއެއް ނުލިބިގެންހޭ ޝަރުއީ ދާއިރާ އިސްލާހް ނުކުރެވިގެން ތިއުޅެނީ؟ ކޮންމެ ންބަރުންނެއް ނެތިގެންހޭ މަނިކުފާނު ޖޭއެސްސީގައި ތިއިންނެވީ؟" ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލް ވިދާޅުވީ މިސަރުކާރަށް ޖޭއެސްސީ އިސްލާހު ނުވެގެން އުޅެނީ އެންމެ ސަބަބަކަށްޓަކާ ކަމަށާއި، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލައި ހުކުމް ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ނެގީ އެމްޑީޕީގެ މީހުން ކަމަށާއި އެކަމުގެ ހެކި ވެސް އެބަހުރި ކަމަށެވެ. އަދި ކޮވިޑު ތެރޭގައި ވެސް ވައްކަން ކޮށްފައިވާ ކަމަށާއި ކުންފުނިތަކުން ވެސް މިހާރު ކުރަމުންދަނީ ވައްކަން ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.

"ވައްކަން، ވައްކަން، ވައްކަން، ވައްކަން. އެމްޑީޕީއަކީ ވަގުންގެ ޕާޓީއެއް. އެމްޑީޕީއަށް ކޮލިފައި ވާނީ ވަގެއް،" ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީލު ވިދާޅުވީ ވަގުން ނޫން ބަޔަކަށް އެމްޑީޕީގައި ނޫޅެވޭނެ ކަމަށާއި ވައްކަން ކޮށްފިނަމަ އެ ޕާޓީގައި ކުރިއަށްދާނެ ކަމަށެވެ. އަދި ވައްކަންކޮށްފިނަމަ ވަޒީރުންގެ މަޖިލީހުގައި ވެސް ހުންނާނެ ކަމަށާއި، ވައްކަންކޮށްފިނަމަ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވެސް އެމީހަކު ކުރިމަތިލާނެ ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.