ކޮވިޑް-19 ވެކްސިން ފުރިހަމަވެފައިވާ ކަމަށް ބަލާނީ، ކޮވިޑް ވެކްސިންގެ ދެ ޑޯޒާއި ބޫސްޓާ ޑޯޒް ވެސް ޖަހާފައިވާ ފަރާތްތަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުތަކަށް ގެނައި ބަދަލާއެކު، ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ބަލާނީ ބޫސްޓާއެކު ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އާ އުސޫލާއެކު ކޮވިޑް ވެކްސިން ފުރިހަމޮށްފައިވާ މީހުންނަށް ވަނީ ލުއިތަކެއް ދީފަ އެވެ. އެގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ކޮވިޑް ކޮންޓެކްޓުން އަލާމާތެއް ނެތްނަމަ ކަރަންޓީންވާކަށް ނުޖެހޭނެ އެވެ. އަދި އަލާމާތެއް ހުރިނަމަ ޓެސްޓް ހެދުމަށްފަހު ނެގެޓިވް ނަމަވެސް ކަރަންޓީންވާކަށް ނުޖެހޭނެ އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެ ސަރަޙައްދުން 927 މީހުން އަދި އަތޮޅުތަކުން 1674 މީހަކު ވަނީ ބޫސްޓަ ޑޯޒް ޖަހާފަ އެވެ. މިއާއެކު ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒް މިހާތަނަށް 72،825 މީހަކު ވަނީ ޖަހާފަ އެވެ.