ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާއްދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެންޕެއިންއަށް ކޮމަންޑޫއަށް އަށް ވަޑައިގެންފި އެވެ.

ދެ ރައީސުން އެންމެ ފުރަތަމަ ވަޑައިގަތީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ކޮމަންޑޫ އަށެވެ. ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫ އާއި މަރޮށްޓަށް ވެސް ދެ ރައީސުން އެކުގައި ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވާއިރު ކޮމަންޑޫ އަށް ފަހު ދެ ރައީސުން ވަޑައިގަންނަވާނީ މަރޮށްޓަށެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ދަތުރުފުޅުގައި އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ކަންމަތީ ބައްދަލުވުންތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ދެ ރައީސުން އެކުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ވެސް ކޮމަންޑޫ ދާއިރާ އަށް ވަޑައިގަތުމަށް ނިންމެވި އެވެ. ނަމަވެސް އެ ދަތުރުފުޅަށް ފުރާވަޑައިގަތުމަށް ކޮވިޑް 19ގެ ޓެސްޓް ހެއްދެވުމުން ރައީސް ސޯލިހް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެމަނިކުފާނު އެފަހަރު އެދާއިރާއަށް ވަޑައިގެންފައެއް ނުވެ އެވެ. އެކަމަކު މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައީސް ނަޝީދު ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންނެވި އެވެ. އޭގެ ކުރިން މިދިޔަ މަހުގެ ހަވަނަ ދުވަހު ރައީސް ސޯލިހް ވެސް ކޮމަންޑޫ ދާއިރާ އަށް ވަޑައިގެންނެވި އެވެ.

މިމަހުގެ ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރައްވަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.