ރައްޔިތުން މަޖިލީހުގެ ށ.ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންނާއި ގުޅިގެން "ހުރިހާ" އޮންލައިނުން ކުރިއަށްގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓެއް ބޮޑު ތަފާތަކުން، ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އާދަމް ކާމިޔާބުކުރައްވައިފި އެވެ.

"ހުރިހާ" އިން ނެގި ޕޯލްގެ ނަތީޖާއިން ދައްކާ ގޮތުގައި ފަތުހީ ވަނީ 971 ވޯޓް ކާމިޔާބު ކުރައްވާފަ އެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދެވެ. މުހައްމަދު ރާޝިދު އަށް ލިބިވަޑައިގަތީ 450 ވޯޓެވެ. ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމުގެ އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށް މި ވޯޓުގައި ލިބިވަޑައިގަތީ 109 ވޯޓެވެ.

"ހުރިހާ" އިން ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓްގައި 1،530 މީހުން ވަނީ ބައިވެރިވެފަ އެވެ.

މާދަމާ އޮންނަ މި ބައި އިލެކްޝަނުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން މި ބައި-އިލެކްޝަންގައި ވާދަކުރައްވާ ތިން ކެނޑިޑޭޓް ހިމެނޭ ޕާޓީތަކުން އެދާއިރާގައި މިއަދު އަންނަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި 3،300 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވާއިރު، އޭގެ ތެރެއިން 1،300 އެއްހާ މީހުން ވޯޓުލާނީ މާލޭގައެވެ. އެހެންވެ މާލެ ސަރަހައްދުގައި ދެ ވޯޓު ފޮށްޓާއެކު ޖުމްލަ ހަތް ވޯޓު ފޮށި ބަހައްޓާނެއެވެ.

މާލެއިން ބޭރުން ވޯޓު ފޮށި ބަހައްޓަނީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށުގައެވެ. އެއީ ކޮމަންޑޫގައި 2 ފޮއްޓާއި ފޯކައިދޫގައި 2 ފޮއްޓެވެ. އަދި ދާއިރާގައި ދެން ހިމެނޭ މަރޮށީގައި ބަހައްޓަން ހަމަޖެހިފައި ވަނީ އެއް ވޯޓު ފޮއްޓެވެ.

އިންތިހާބާއި ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާ އަށް ގިނަ މަޝްރޫއުތަކެއް ކުއްލިއަކަށް ފެށިއެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ސަރުކާރަށް އަންނަނީ ފާޑު ކިޔަމުންނެވެ. ހުދު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން ވެސް ވަނީ އެކަމާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ. ނަމަވެސް ސަރުކާރުން ބުނަނީ އެއީ އިންތިހާބާއި ދިމާކޮށް ކުރިޔަށް ގެންދާ ކަމެއް ނޫން ކަމަށެވެ.