މާދަމާ ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއިން އެނގެނީ ރާއްޖޭގެ ކުރިމަގަށް އޮތް ނުރައްކަލަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅިގެން ސަރުކާރުން އެދާއިރާއަށް ބަޖެޓްގައި ނެތް އެތަކެއް މަޝްރޫއުތަކެއް ކުރިއަށް އަންނަނީ ގެންދަމުންނެވެ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެއް ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި އިންތިހާބާ ދިމާކޮށް އެދާއިރާގެ ރައްޔިތުންނަށް ލާރި ބަހަމުން އަންނަ ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފަ އެވެ.

މިކަމާއި ގުޅިގެން ކުރީގެ ނައިބް ރައީސް ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާއިން އެނގިގެން ދަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ގާނޫނުތައް މުގުރާލުމަކީ ސަރުކާރު ފާޅުގައި ކުރާނެ ކަމެއްކަން ކަމަށެވެ. އަދި ކޯލިޝަންގައި ތިބި ޕާޓީތަކަށް ރިޝްވަތުގެ ގޮތުގައި ރައްޔިތުންގެ ފައިސާ އާއި މުދާ ބެހިކަން ކަމަށެވެ.

"ޔަގީންވީ ޑިމޮކްރަސީއަށް އޮތް އެންމެބޮޑު ނުރައްކަލަކީ އެމްޑީޕީކަން،" ޖަމީލްގެ ޓްވީޓުގައި ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަންގައި ތިން ޕާޓީއަކުން ވާދަކުރެ އެވެ. އެއީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިންނާއި ޕީޕީއެމް އަދި އެމްއެންޕީންނެވެ. މީގެތެރެއިން ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.

އެގޮތުން ސަރުކާރުން އަންނަނީ މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް ހިމެނިފައި ނުވާ މަޝްރޫއުއެއް ކަމަށް ކޮމަންޑޫ އާއި އެރަށް ކައިރީގައި އޮންނަ މަތި ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މި އިންތިހާބާއި ދިމާކޮށް ކުރަމުންނެވެ.

އަދި ހަމައެއާއެކު އެމްޑީޕީ އިން ށ.ފޯކައިދޫގައި ރިޝްވަތުގެ ގޮތުގައި ފައިސާ ބަހާ މައްސަލަ ވެސް މިއަދު ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ. ފައިސާ ބެހުމުގައި އިސްކޮށް އުޅެނީ ރ.އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ކަމަށެވެ.