ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލްހިޒް އެކްސަލަންސީ ސައިހް ޑޮކްޓަރު މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރުވައިފި އެވެ.

މި އިއްޒަތް ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލަށް އެރުވީ، މިއަދު މެންދުރުކުރީގައި ރައީސް އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި އިއްޒަތް އެމަނިކުފާނަށް އެރުވީ ދިވެހިރާއްޖެއާއި ރާބިޠަތުލް ޢާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުހުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށާއި، އިސްލާމީ ވަހުދަތު ދެމެހެއްޓެވުމަށާއި، ދުނިޔޭގައި އަމާންކަމާއި ސުލްސަމަސަލަސްކަން ގާއިމުކުރެއްވުމަށް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ޝައިޚް ޑޮކްޓަރ މުހައްމަދު ބިން ޢަބްދުލްކަރީމް އަލް އީސާ ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ނިސްބަތް ވަނީ އައްސުލްޠާން އިބްރާހީމް ކަލާފާނަށެވެ. މިއީ މީލާދީން 1585ން ފެށިގެން 1609 އަށް ރާއްޖޭގައި ރަސްކަންކުރެއްވި ބޭފުޅެކެވެ.

މިއަދު ރައީސް އޮފީހުގައި ވަނީ ރައީސް ސޯލިހާއި ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ބައްދަލުކުރައްވާ މަސްވަރާތައްވެސް ކުރައްވާފަ އެވެ.